އެފްއޭއެމްއިން ކްލަބްތަކަށް ދިން ފައިސާ، ކްލަބްތަކުގެ އިސްވެރިންގެ އެކައުންޓަށް ޖަމާކުރި މައްސަލައެއް ބަލަނީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކްލަބްތަކަށް ދިން ސަބްސިޑީ އެ ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. މިކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާކަމަށެވެ. މީގެތެރޭގައި، އެފްއޭއެމްގެ ކުރީގެ ރައީސް، ގ. ފަހިވާގެ، ބައްސާމު އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެ އެސޯސިއޭޝަންގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ހިމެނޭކަމަށް އެ މެސެޖުގައި ވެއެވެ. މީގެ އިތުރުން އެ މެސެޖުގައި ވަނީ، ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް ކްލަބްތަކުގެ ވެރިން ޚިޔާތްނާތްތެރިވި މައްސަލަ ފާހަގަކުރެވުމުން، އެކަން ވެސް ތަހުގީގުކުރަން ފަށާފައިވާކަމަށެވެ. އެފްއޭއެމްއިން ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ފައިސާދޭން ފެށީ ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ނަމުގައެވެ. އެފްއޭއެމްއިން މި ސަބްސިޑީ ދޫކުރަން ފެށީ ސަރުކާރުން ކްލަބްތަކަށް ފައިސާދިނުން ހުއްޓާލިފަހުންނެވެ. އެފްއޭއެމްއިން ކްލަބްތަކަށް ފައިސާދިން އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ވެސް ވަނީ ކްލަބްތަކަށް ސްޕޮންސާޝިޕް ދީފައެވެ. އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާތަކެއްކޮށްފައި ވާއިރު، އެ މައްސަލައިގައި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން އެދުނެވެ. https://sun.mv/201649 އޭގެ ތެރެއިން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އަމީން ކޮންސްޓްރަކްޝަންގެ އިތުރުން ޕީޖީން ވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި މަސައްކަތްކުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލާއި އެ އެސޯސިއޭޝަންގައި އެކި މަގާމުތައް އަދާކުރަމުން އައި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ވެސް އުފުލައިފައި ވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ހަސަން ވަހީދުގެ ދައުވާގައި ވެސް ވަނީ ބައްސާމްގެ އެޕާޓްމެންޓް ގަންނަންް އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދައްކަން އޭނާ އެހީވި ކަމަށް ބުނެފައެވެ. އެފްއޭއެމްގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ޚިޔާނާތައި މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހު އޭނާގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ