ފަސާދައަކުން އިޞްލާޙެއް ނުފެށޭނެއެވެ.

ފަސާދަކޮށްފައި ތިމަންނާމެން މި އުޅެނީ އިޞްލާޙުކުރާށޭ ބުނުމަކީ ކިބުރުވެރިކަމާއި ބޮޑާކަމުގެ އެންމެ މަތީ ދަރަޖައެވެ. އެއީ މުނާފިޤުންގެ އެންމެ ނުބައި ނުލަފާ މީހުންގެ ސިފައެކެވެ. އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން އިރާނަށް ޙަމަލާތަކެއް ދީފައި، ތިމަންނާމެންނަށްވުރެ ބާރުގަދަ ބަޔަކު ނުތިބޭނެ ކަމަށް ބުނެ އެ ކަމުގެ މައްޗަށް ފަޚުރު ކިޔާފައި، ދެން ޞުލްޙައިގެ ވާހަކަ ދައްކާ ވަގުތު ޖެހުނީއޭ ބުނުމުން އެ ކުރެވެނީ މަލާމާތް ނޫންބާއެވެ؟ މެދުއިރުމަތީގައި ހިނގާ ހަނގުރާމަ ފިނިކުރަން ދުނިޔޭގެ ހުރިހާ ވެރިން އަންނަނީ ގޮވަމުންނެވެ. ފަށައިގެން ނުވާނެ ހަމަލާތަކެއް އިސްރާއީލާ އީރާނާ ދެމެދު ބަދަލުކުރަން ފެށިފަހުން ދުނިޔޭގެ ޤައުމުތައް ދެފަޅިއަށް ބެހެންފެށީއްސުރެ އެ އެންމެން ވެސް ބުނަމުން އައީ މި ދަނޑިވަޅުގައި އެމެރިކާ ހަމަލާއެއް ނުދީ ޞުލްޙައިގެ ވާހަކަތައް ފެށުން މުހިންމު ކަމުގައެވެ. އެހެނަސް އެމެރިކާގެ ރޭވުންތެރިކަން އެނގޭނީ އެ މީހުންނަށްށެވެ. ހަނގުރާމައަށް ވަންނާންވީ ހިސާބާއި ނުވަދެ ދުރުގައި ތިބޭންވީ ހިސާބު ވެސް ކަނޑައަޅާނީ އެ މީހުންނެވެ. ދެރަކަމަކީ ކަމެއް ފަށާފައި އެހެން ކަންކަން ހުއްޓައިލަން ބުނާބުނުމެވެ. ހައްދެއް ނެތި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ގޮވުމުގެ އަޑަށް އެމެރިކާ ވެސް އެހެން ޤައުމުތައް ވެސް ދިނީ ބީރުކަންފަތެކެވެ. އިސްރާއީލުގެ އަނިޔާވެރިކަން ޣައްޒާގެ ރައްޔިތުންގެ މައްޗަށް އިންތިހާއީ ދަރަޖައަށް މަތިކޮށްފައި ވަނިކޮށް ޤައުމުތަކުން އެ ކަމާ ދެކޮޅަށް ވާހަކަދައްކަން ފެށިއެވެ. އެ ވާހަކަތަކަށް ރައްދު ދެމުން، މަޝްރަޙު ހޫނުވަމުން ގޮސް އިސްރާއީލުން އިސްވެ އީރާނަށް ހަމަލާއެއް ވެސް ދިނެވެ. އީރާނަށް ދިން ހަމަލާގެ ބަދަލު އިސްރާއީލަށް ދޭންފެށިގޮތަށް އަދިވެސް އެ ހަމަލާތައް ހުއްޓައިނުލައެވެ. އީރާނުން އެ ބުނާގޮތަށް "އިސްރާއީލުން ހިފާފައި އޮތް ފަލަސްޠީނުގެ ބިން އަނބުރާ ހޯދައިދިނުމަށް" މަސައްކަތް ކުރަންޏާ އެއީ މިއަދު ދުނިޔޭގެ އެންމެން ވެސް އެދިއެދި ތިބި ކަންތަކެވެ. އެހެން ނޫނީ އޭގައި އެއްވެސް ހެވެއް ނެތެވެ. ކޮންމެއަކަސް ދުނިޔެ އިޞްލާޙުކޮށް ހަމަމަގަށް އަޅުވާނެ ބަޔަކު ބޭނުންވެއެވެ. އެ ކަން ކުރެވޭނެ ބަޔަކީ އަމިއްލަ އެދުމާ ދުރުވެ އެހެން މީހުންގެ މަޞްލަޙަތު އިސްކުރާ ބަޔަކަށެވެ. ތިމަންނާމެންނަށްވުރެ ބާރުގަދަ ބަޔަކު ނުތިބޭނެ ކަމަށް ބުނެ އެ ކަން އެހެން މީހުންނަށް ކަށަވަރުކޮށްދޭން އުޅޭ ބަޔަކަށް ދުނިޔެ އިޞްލާޙެއް ނުކުރެވޭނެއެވެ. އެ މީހުންނަށް ކުރެވޭނީ ފަސާދައެވެ. ތިމަންނާމެންނީ އިޞްލާޙުކުރާ ބައެކޭ އެ މީހުން ދުލުކުރިން ބުނެފާނެއެވެ. އެހެނަސް އެ މީހުންގެ ޢަމަލުތަކުން ފެންނާނޯ ފަސާދަކުރާތަނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ‏﴾ (البقرة: ١١). މާނައީ: "އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ އިޞްލާޙުކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ." ބައެއްގެ ޢަމަލުތަކުގެ ސަބަބުން ބިން ފަސާދަވާ މަންޒަރު ފެނިގެން އެ މީހުން ގާތު އެ ކަން ހުއްޓާން ނުވަތަ ބިން ފަސާދަ ނުކުރާން ބުނެފިއްޔާ، އެ މީހުން މި ބުނަނީ ތިމަންނާމެން މިއީ އިޞްލާޙުކުރާ ބައެއް ކަމުގައެވެ. އެހެން މީހުންގެ ލޯމައްޗަށް ފަސާދަ ފެންނަމުން ދާއިރު ވެސް، "ތިމަންނާމެން އިޞްލާޙުކުރަނީއެވެ" ބުނާ މީހުންނަކީ ފަސާދަވެރިންނެވެ. އެ މީހުންނަށް އެ ކަން ނޭނގެނީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ‏‏﴾ (البقرة: ١٢). މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ." އެނގުމެއްނެތި ޣާފިލުކަންމަތީ ތިބެ ދުނިޔެ ފާސާދަކުރާ ޙަޤީޤީ މުޖުރިމުންނަކީ އެއީއެވެ. އިސްލާމްދީނާ ދުޝްމަނު ހުރިހާ އަނިޔާވެރި ވަކިތަކުން ދުނިޔޭގެ ހުރިހާ މުސްލިމުން ރައްކާތެރިކޮށްދެއްވާނދޭވެ! މުސްލިމުންގެ ބާރުގަދަކުރައްވައި ކާފިރުން ބަލިކުރައްވާނދޭވެ. ނިފާޤުކަމުގެ ބަލިން އަޅަމެން ސަލާމަތްކޮށްދެއްވައި ހިދާޔަތުގެ އަލިމަގަށް އަޅަމެން ނެރުއްވާންދޭވެ. آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ