ޓްރަމްޕަށް ސުލްހައިގެ އިނާމު ދޭން ހުށަހެޅުމަށް ފަހު، އެމެރިކާއިން އީރާނަށް ހަމަލާދިނުން ޕާކިސްތާނުން ކުށްވެރިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިގެން އެމެރިކާއިން އީރާނަށް ހަމަލާ ދިނުން ޕާކިސްތާނުން ކުށްވެރިކޮށްފިއެވެ. ޕާކިސްތާނުން އެކަން ކުށްވެރިކޮށްފައިވަނީ ސުލްހައިގެ ނޮބެލް އިނާމަށް ޓްރަމްގެ ނަން ހުށަހަޅާނެ ކަމަށް އެ ގައުމުން ސަރުކާރުން އިއުލާނުކޮށްފައިވަނިކޮށެވެ. ޕާކިސްތާނުން އިއްޔެ ބުނީ، އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އަޅަން ޓްރަމްޕް ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އީރާނުގެ މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ ޑިޕްލޮމެސީ ކަމަށެވެ. "އިރާނާ ދެކޮޅަށް ހިނގަމުންދާ އުދުވާނީ އަމަލުތަކުގެ ސަބަބުން މީގެ ކުރިން ނުފެންނަވަރުގެ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން އިތުރުވުމަކީ ވަރަށް ބޮޑު ގޯހެއް. އިތުރަށް ހަމަނުޖެހުން ބޮޑުވުމުން މި ސަރަހައްދާއި އެ ތަނަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާނެ،" ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް ވެސް އިއްޔެ ފޯނުން ގުޅުއްވާފައެވެ. އަދި، އީރާނަށް އެމެރިކާއިން ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ކުށްވެރިކޮށް، ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީގައި ވަނީ އެއްވުމެއް ވެސް ބާއްވާފައެވެ. އެއްވުމުގެ ބައިވެރިން ވަނީ ޓްރަމްޕްގެ ފޮޓޯއެއް ޖަހާފައިވާ ބޮޑު ދިދައެއް ވެސް މަގުމަތީގައި ބަހައްޓާފައެވެ. އެ މުޒާހަރާގައި ބައިވެރިން ވަނީ އިންޑިއާއާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިދިޔަ މަހު ފަހުކޮޅު ބަދަލުކުރި ހަމަލާތައް ހުއްޓުވުމުގައި ޓްރަމްޕް އަދާކުރެއްވި ދައުރު ފާހަގަކޮށް، އެ މަނިކުފާނުގެ ނަން ނޮބެލް ސުލްހައިގެ އިނާމަށް ޕާކިސްތާނުން ހުށަހަޅާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާނި ކުރީ ހޮނިހިރު ދުވަހެވެ. އެކަމާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާއަށާއި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ނޮބެލް ސުލްހައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ސަރުކާރަކަށް ވެސް އަމިއްލަ ފަރުދަކަށް ވެސް އަދި ވަކިން ހިންގާ ޖަމާއަތްތަކަށް ވެސް އޮވެއެވެ. ހުށަހެޅުންތައް ހުށަހަޅަން ޖެހޭނީ ނޯވޭގައި ހިންގާ ނޮބެލް އެވޯޑު ކޮމިޓީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ