މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނަމެއް ފޮނުއްވައިފި އެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަސްނާ ހަމްދީގެ ނަމެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުގަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17، ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސްއަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާފައި އޮއްވަ އެވެ.
އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އިމާދު ނެރުއްވި ބަޔާނުގައި ވިދާޅުވީ "މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ" ކަމަށެވެ.
މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ހުޅުމާލެއިން 22 ހެކްޓަރުގެ ބިން 14 ބިލިއަން ރުފިޔާއަށް ގަނެ، އެޗްޑީސީ މެދުވެރިކޮށް އެ ފައިސާ ސަރުކާރުގެ ހަރަދުތަކަށް ދޫކުރަން އެމްއެމްއޭގެ ބޯޑުން ނިންމި ނިންމުމެވެ. އެ ނިންމުން ނިންމި ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ ވޯޓާއެކު ފާސްކުރި އެ ނިންމުން ރިވިއުކުރަން، އިމާދު ހިމެނޭހެން އެމްއެމްއޭގެ ބޯޑުގެ ތިން މެންބަރަކު ހުށަހެޅި އެވެ. ނަމަވެސް އެކަން ތާވަލެއް ނުކޮށް، އެއަށް ފަހު، އިމާދުގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ގޮތުން އެމްއެމްއޭގެ ސިސްޓަމްތަކަށް އޭނާއަށް ނުވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ.
އިމާދުގެ ބަޔާނުގައި ވިދާޅުވީ އިތުރަށް ފައިސާ ޗާޕުކުރުމަކީ މިހާރު ވެސް ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަނުކުރަން އަސްނާ ހަމްދީގެ ނަން ފޮނުވައިފި ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަނުކުރަން އަސްނާ ހަމްދީގެ ނަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ