ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު މާލޭގެ އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ މިދިޔަ ހަފުތާގައި އޭނާ ހައްޔަރުކޮށް، ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.ޔުމްނުގެ މައްސަލަ ތަހުގީގު ކުރަމުންދާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ.މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.ޔުމްނު ވެއްޓުމުގެ ކުރިން 17 ވަނަ ދުވަހުގެ ރޭ މއ. މާންދޫގެދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީގައާއި ޕާޓީން ނުކުމެ މަގުމަތީގައި ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ