ހުއްދަ ނެތި އިންވެސްޓްމެންޓް ސްކީމް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް އަންގައިފި
ހުއްދައާއި ރެޖިސްޓްރީ ނުލިބި ފައިސާ އިންވެސްޓުކޮށްގެން ފައިދާ ލިބޭނެ ކަމަށް ދައްކައިގެން އިންވެސްޓްމެންޓް ހިންގާ ފަރާތްތައް ރިޕޯޓު ކުރުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އަންގައިފިއެވެ. އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައިވަނީ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން ހުއްދަ ނުހޯދައި، މާލީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ވިއްކަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މި ފަދަ ޕްރޮޑަކްޓުތައް ހިންގޭނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން، ސީއެމްޑީއޭގެ ހުއްދަ ލިބިގެންނެވެ. އެހެން ކަމުން އެކިއެކި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، މި ފަދަ ސްކީމްތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާމެދު އިންވެސްޓު ކުރުމަށް ނިންމުމުގެ ކުރިން، އިންވެސްޓް ކުރުމަށް ދައުވަތުދޭ ފަރާތަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށްފަހު މެނުވީ އިންވެސްޓު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސީއެމްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ނުވަތަ އޮތޯރިޓީގެ ނަންބަރު 3336619 ފޯނާ ގުޅުއްވައިގެން އޮޅުންފިލުވޭނެއެވެ. ހުއްދަ ނެތި މި ފަދަ ސްކީމްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް، ނުވަތަ ޝަކުވާ ހުށަހެޅުމަށް އެ އޮތޯރިޓީއަށް މެއިލްކޮށްދިނުމަށް ވަނީ އެދިފައެވެ. https://sun.mv/204708 ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުންދާ "ޖީއެމްސީއީ" ޓްރޭޑިންއަކީ, ވެސް ސީއެމްޑީއޭގެ ހުއްދަ ނެތި ހިންގަމުން ދާ ސްކީމެކެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ އެޑްރެސް ކުރާނެ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ. ނަމަވެސް މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ