ހުޅުމާލެއަށް 21: ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ. މި މުބާރާތަކީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގޮތުން، އެޗްޑީސީން ބުނެފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެއެވެ.
ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓެގް ބޭނުންކުރަން ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
Advertisement
މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 08 މެއި 2025 އެވެ. 
ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިން ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން ވަނަވަނަ އަށްދާ ފަރާތްތަކަށް ދެވޭ އިނާމަކީ؛
1) މުބާރާތުން އެއްވަނައަށްދާ ވީޑިއޯ އަކަށް 8،000ރ.
2) ދެވަނައަށް 5،000ރ.
3) ތިންވަނައަށް 3،000ރ.
4) އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000ރ.
5) ދެވަނައަށްދާ ފަރާތަކަށް 3،000ރ.
6) ތިންވަނައަށް 2،000ރ. ގެ ފައިސާގެ އިނާމު
އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ