ލިވަޕޫލްގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސައިފި ލިވަޕޫލްގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސައިފި

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ޓީމު ލިވަޕޫލް އެފްސީ ގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖެއްސުމަށް އެ ކްލަބާއެކު އެމްއެމްޕީއާރުސީން ސޮއިކޮށްފި އެވެ.
މިކަން އިއުލާންކޮށް އެމްއެމްޕީއާރުސީގެ ރަސްމީ ބްރޭންޑު "ވިސިޓް މޯލްޑިވްސް" އިން ކުރި ޕޯސްޓުގައި ބުނީ މި އެއްބަސްވުމާއެކު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ފުޓްބޯޅަ އެކުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނަށް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތްކުރާ، އަހަރުމެންގެ ވިސްނުމާ އެއްގޮތް، ލިވަޕޫލް ފަދަ މަޝްހޫރު ކްލަބަކާއެކު ޕާޓްނަޝިޕަކަށް ދެވުމަކީ ލިބިގެންދާ އުފާވެރި ކަމެއް. މިއީ ފަހަރުވެރި އެއްބަސްވުމެއް،" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
ލިވަޕޫލްގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމުގެ ރަސްމީ ޕާޓްނަރަކަށް ވުމާއެކު އެ ކްލަބުން ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އެކަން ލިވަޕޫލުން ވަނީ އެ ކްލަބުގެ ރަސްމީ ވެބްސައިޓުގައި އިއުލާނުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އަދި އެމްއެމްޕީއާރުސީގެ އިސްވެރިން ލިވަޕޫލުގެ ރަސްމީ ދަނޑު، އެންފީލްޑުގައި --- ފޮޓޯ: އެމްއެމްޕީއާރުސީ
މި އެއްބަސްވުން ފާހަގަކުރުމަށް ލިވަޕޫލުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ކެމްޕޭނެއް ފަށާފަ އެވެ. ލިވަޕޫލުގެ ވެބްސައިޓު މެދުވެރިކޮށް ބައިވެރިވެވޭ މި ގުރުއަތުލުމުން ހޮވޭ ފަރާތަކަށް ފްލައިޓު ޓިކެޓާއި ރާއްޖޭގައި ހުރުމުގެ ހަރަދާއެކު ފަސް ރޭގެ ޗުއްޓީއެއް ލިބޭނެ އެވެ.
"މި އެއްބަސްވުމާއެކު ކްލަބުގެ ބޮޑުވަމުންދާ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ރާއްޖޭ އިޝްތިހާރު ކުރެވިގެންދާނެ. މި ޕްލެޓްފޯމްތަކުގައި މިވަގުތު 200 މިލިއަން ފޮލޯވަރުން އެބަތިބި. މިދިޔަ ސީޒަނުގައި އެކަނިވެސް 12 ބިލިއަން ވިއުސް ލިބި 1.5 ބިލިއަން ފޭނުން އެންގޭޖުވި،" ލިވަޕޫލުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖެ ޕްރޮމޯޓުކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވިސިޓް މޯލްޑިވްސް އިން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ލިވަޕޫލުން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެ އެވެ.
ލިވަޕޫލް ނިސްބަތްވާ އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައި ޓޫރިސްޓުން އައި ގައުމެވެ. އެ ކްލަބުގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު ރާއްޖޭގެ އާބާދީގައިވެސް ލިވަޕޫލް ސަޕޯޓަރުންގެ އަދަދު ގިނަ އެވެ. އެ ކްލަބަކީ އިނގިރޭސި ފުޓްބޯޅައިގެ ދެވަނައަށް އެންމެ ކާމިޔާބު ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ