ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ

ފުވައްމުލައް ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް އެ ސިޓީއަށް ފޮނުވުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކުރީ ފުވައްމުލައް ސިޓީގައި ހުރި ޖަނަރޭޓަރު ސެޓު ހަލާކުވެ، އެ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެނަކައިން ވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.ފުވައްމުލަކުގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރެއް ހަލާކުވުމާ ގުޅިގެން، ކަރަންޓު ލޯޑު ހިފެހެއްޓޭވަރަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ވަގުތީ ހައްލެއްގެ ގޮތުން އިމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓަކާއި، އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، ހޫނުގަދަވެ ލޯޑް މަތިވާ މަސްތަކުގައި އިތުރު ޖަނަރޭޓަރު ބޭނުންވާނެ ކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.މިހާރު ފެނަކަ ކޯޕަރޭޝަނުން ވަނީ 1200 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދައި ފުވައްމުލަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. މި ޖަނަރޭޓަރު ސެޓާއެކު ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން އުންމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ