ވެލެންސިއާއަކީ ސަސްޕެންޝަނުގައި އޮންނަން ޖެހޭ ކުލަބެއް ކަމަށް ގަބޫލެއް ނުކުރަން: ޒުހޫރު

ކުލަބު ވެލެންސިއާއަކީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ވެފައި އޮންނަން ޖެހޭ ކުލަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ މާޗު މަހު އެފްއޭއެމް އިން ވެލެންސިއާ ސަސްޕެންޑުކޮށްފައިވަނީ އެ ކުލަބުން ވަކިކުރި ބޯޑު މެންބަރު ހަސަން ވަހީދު (ދޮނާ) ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ، އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ. އަދި މި ސަސްޕެންޝަން ދެމެހެއްޓުމަށް އެފްއޭއެމް އިން ނިންމާފައިވަނީ ވެލެންސިއާއިން އައު ބޯޑެއް އިންތިޚާބު ކުރަންދެނެވެ. އެކަމަކު އެ ކުލަބު ސަސްޕެންޑްކުރަން ނިންމީ އެ އެސޯސިއޭޝަނުން ބާއްވަން މަސައްކަތްކުރި އިންތިޚާބާ ދިމާކޮށް ރޭވުމަކުން ކަމަށް ވެލެންސިއާއިން އޭރު ވަނީ ބުނެފައެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒުހޫރު ވިދާޅުވީ މި ވަގުތަށް ކުރެވޭނެ ކަމަކީ ސަސްޕެންޝަނުގައިވާ ކުލަބުތަކަށް ލުޔެއް ލިބޭތޯ ބެލުން ކަމަށެވެ. އެގޮތުން މި ހަފުތާގައި ފީފާ އާއި އޭއެފްސީގެ އޮފިޝަލުންނާ ބައްދަލުކުރާއިރު، ސްސެޕެންޝަނުގައިވާ ކުލަބުތަކުގެ ވާހަކަ އެޖެންޑާގައި ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފީފާއިން ކުލަބުތަކާ މެދު ފިޔަވަޅު އަޅާފައިވީ ނަމަވެސް، އެ ފިޔަވަޅުތަކަށް ލުއިތަކެއް ހޯދުމަށް މިހާރު ވާހަކަ ދެކެވިފައިވާނެ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.
"އެފްއޭއެމްގެ ތެރޭގައި ހިނގާފައި ހުރި ކަންކަމަށް ބަލާއިރު، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ކުލަބު ވެލެންސިއާއަކީ ސަސްޕެންޑް ވެފައި އޮންނަން ޖެހޭނެ ކުލަބެއް ކަމަށް." ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ހަވާލުވެ އެފްއޭއެމްގެ ތެރޭގައި ހުރި ގަވަރނަސް، ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޝަން މައްސަލަތަކަށް އަވަސް ހައްލެއް ލިބޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ހުރީހާ ކަމަކަށް މި ވަގުތު ސަމާލުކަން ނުދިނަސް، ނޯމަލައިޒްވުމަކީ އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދިޔުން ކަމަށާއި، އެ ކަންކަން ހައްލުވެގެންދާނީ އިދާރީ ގޮތުން ފުރިހަމަކުރަން ހުރި ކަންކަން ނިމިގެން ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ