މިހިތް އެދޭތީ... 09

"ދެންފަހަރަކުން ދޭނީ އިންޒާރެއް ނޫން..." ދެވަނަ މެސެޖެވެ. ******** އިޒީގެ ދެލޮލަށް ޖަމާވި ކަރުނަތައް ލޮލުގެ ހިމަކޮޅުން ފޭދިގެން އައެވެ. އެ ހޫނު ކަރުނަތައްވެސް އިޒީގެ ހާލަތަށް ހަމްދަރުދީވާ ފަދައެވެ. އަމިއްލަ ދިރިއުޅުމުގެ ބޮޑު ސިއްރެއް ހަނދާނުން ފޮހެވިފައިވުމީ، އިޒީގެ ބަލިފަޔެވެ. އެތައް ދުވަހަކުން ނަގައި ކޮޅަށްޖެހި ދިރިއުޅުން، އެ ސިއްރުގެ ސަބަބުން، ފުން އަނދަވަޅެއްގެ ތެރެއަށް ވެއްޓިގެންދާއިރުވެސް އިޒީއަށް ކުރެވޭނޭ މާބޮޑު ކަމެއް ނެތެވެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް މިއަދު އޭނާއަކަށް ނޭނގެއެވެ. އިޒީއަށް ޔަގީންވި ކަމަކީ އޭނާއަށް ކޮންމެވެސް މީހެއްގެ އެހީތެރިކަމެއް ބޭނުންވެފައިވާ ކަމެވެ. އިޒީ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. މާޒީ ހަނދާން ކުރަން މަސައްކަތް ކުރިއެވެ. އެހެނަސް، އެކްސިޑެންޓްގެ ކުރިން ހިނގި އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިޒީ އެތައް އިރަކު އޮތެވެ. ފުންކޮށް ވިސްނިއެވެ. "ޑްރައިވަރ..." އިޒީގެ ހިތަށް އައީ ނިޝާން ބުނި ވާހަކައެވެ. އެކްސިޑެންޓްވީ ވަގުތު ކާރު ދުއްވަން އިން މުސްކުޅި މީހާގެ މައުލޫމާތު ފޮނުވާނެކަމަށް ނިޝާން އޮތީ ބުނެފައެވެ. އިޒީ ފުންމައިގެން ތެދުވިއެވެ. ކަރުނަ ފޮހެލިއެވެ. ނިޝާން ފޮނުވި މައުލޫމާތު ބެލިއިރު އޭނާގެ އުއްމީދު އައު ވެއްޖެއެވެ. ހަގީގަތް ހޯދޭނެ މަގެއް ފަހިވީއެވެ. މާޒީއިން މިންޖުވެ، ނަފުސު މިނިވަން ކުރެވޭނެ މަގެއް ފެނުނަސް، އެކަމަށް އޮތް ގޮންޖެހުން ކުޑައެއް ނޫނެވެ. އެކްސިޑެންޓަށްފަހު، ތޭރަ އަހަރު ކުރިން އެމީހާގެ މުޅި ދިރިއުޅުން ސްރީލަންކާއަށް ބަދަލުކޮށްފައިވާކަމަށް ނިޝާން ބުނެފައި އޮތެވެ. އެއީ އިއްތިފާގެއް ހެއްޔެވެ؟ އިޒީ މަސައްކަތް ފެށީ، މާބޮޑު ކުރިއެރުމެއް ލިބިދާނެކަމަށް ބަލައިގެނެއް ނޫނެވެ. އެކި ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ތޭރަ އަހަރު ކުރީގެ ހަބަރުތައް ހޯދިއެވެ. ގިނަ ލިޔުންތަކުން އިޒީ ބޭނުންވި މައުލޫމާތެއް ނުލިބުނެވެ. އެންމެ ލިޔުމެއް ފިޔަވައެވެ. އިޒީގެ ފުރިހަމަ ސަމާލުކަން އެ ލިޔުމަށް ހުއްޓުނެވެ. "މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސްކޫލު ކުއްޖަކަށް އަނިޔާވެއްޖެ!..." ސުރުހީ ފެނުމާއިއެކު އިޒީގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދެތިން ފަހަރު އެ ސުރުހީ ކިޔައިލިއެވެ. ލިޔުމުން އިޒީއަށް ފާހަގަވީ ނިޝާން ވެސް ފާހަގަކުރި ކަންތަކެވެ. މައުލޫމާތު ފުރިހަމަނުވާ ކަމެވެ. ހާދިސާގެ މާބޮޑު ތަފްސީލެއް ނެތްއިރު، އެއްވެސް މީހެއްގެ ނަމެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ. "ހާދިސާ ހިނގީ، ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއްގައެވެ.... ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް ފަރާތަކަށް ނުވަތަ އެއްޗަކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ..." ލިޔުންކޮޅު ކިޔައިލުމާއިއެކު، އިޒީއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. މާޒީގެ ބިރުވެރި ހާދިސާ ކުރިމަތިން ސިފަވިހެން އޭނާއަށް ހީވިއެވެ. ލިޔުމުގެ ބާކީބައި ފަރިތަކަމާއިއެކު ކިޔައިލި އިޒީއަށް ދެން ފެނުނީ އޭނާ އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ލިޔުން ނިންމާލާފައިވަނީ ތަސްވީރަކުންނެވެ. އެ ތަސްވީރު ފުސްވެފައިވީ، ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ހުރެ، ނަގާފައިވާތީއެވެ. ލެޕްޓޮޕްގެ އިސްކްރީނާއި ވީހާވެސް ގާތުން އިޒީ އެ ތަސްވީރަށް ބަލައިލިއެވެ. އެއީ ހަމަ އެ މަގެވެ. އެ ތަނެވެ. މާޒީ އިއާދަވެގެން އައިސް، އިޒީ އެ މަގަށް ގެންދިޔަ ކަހަލައެވެ. ދުވަމުންދިޔަ އިޒީގެ ދެލޮލަށް އެޅުނީ ކާރެއްގެ އައްޔެވެ؟ އިޒީ ކާރުގައި ޖެހުނުތަނާއި، ވިއްސައިގެން ދިޔަތަން އޭނާއަށް ފެނުނެވެ. ކުރިއަށްވުރެ ސާފުކޮށެވެ. ކާރުން ފައިބައިގެން އައި މީހާ އިޒީގެ ކައިރީގައި ހުއްޓުނު މަންޒަރު އޭނާގެ ކުރިމަތިން ސިފަވިއެވެ. މަގުމަތީގައި ވަނީ ފެންބޮޑުވެފައެވެ. ދުރުދުރަށް ދާންދެން މަގުގެ ދެފަރާތުގައި ދިއްލާފައިވާ ލައިޓުތަކުގެ އަލި ފެންނަން ހުރީ ފުސްކޮށެވެ. އެ އަލި ފެންގަނޑަށް އެޅިފައިވާއިރު، ހިތްގައިމުގޮތެއް ހުއްޓަސް، އިޒީއަށް އެމަންޒަރު ފެނުނީ ބިރުވެރިކޮށެވެ. ފަހަރަކު ތަނަކަށް ނުހަނު ފަރުވާތެރިކަމާއިއެކު ބަލަމުންދިޔަ އިޒީގެ ސަމާލުކަން ހުއްޓުނީ، މަގުގެ އެއްފަރާތެއްގައި ހުއްޓާފައި އޮތް ކާރަށެވެ. އެއީ ޓެކްސީއެއް ނޫނެވެ. ފަހުގެ އަމިއްލަ ކާރެކެވެ. ކާރުގެ ކައިރީގައި މީހަކު ހުއްޓެވެ. އެ ތަސްވީރަށް އެމީހާ އަރާފައިވިޔަސް، އޭނާ ފެންނަން ހުރީ ފުސްކޮށެވެ. އެހަނަސް، އިޒީއަށް އެއީ ކާކުކަމެއް ނޯޅުނެވެ. އެ ސިފަ ވަނީ އޭނާގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައެވެ. ******** ކޮންޕިއުޓަރުގެ އިސްކްރީނު ފުރާލާފައިވާ ތަސްވީރަށް ބަލަން ރިޝާން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ތަސްވީރުން ފެންނަމުންދިޔަ ކާރަށެވެ. ނޫނެކެވެ. އެ ނަޒަރު ހުއްޓިފައިވީ ކާރުގެ ކައިރީގައި ހުރި ފުރާވަރުގެ ފިރިހެން ކުއްޖާއަށެވެ. ރިޝާންގެ މޭޒުމަތީގައި އެކި ފްރޭމްތަކަށް ލައި، ބަހައްޓާފައިވާ ތަސްވީރުތަކާއި އޭނާގެ އިސްކްރީނުން ފެންނަން ހުރި ކުއްޖާ އާއި އެއްވެސް ތަފާތެއް ނެތެވެ. ފަހަތުގައި މީހަކު ހުއްޓުނުކަން އިހުސާސްވީއިރު، ރިޝާންގެ ކޮންޕިއުޓަރުގެ އިސްކްރީނަށް އެމީހެއްގެ ހިޔަނި އެޅިއްޖެއެވެ. ފަހަތުގައި ހުރީ ކާކު ކަން އެނގުމުން، ރިޝާން އުޅުނީ ކޮންޕިއުޓަރު ނިވައިލާށެވެ. އެހެނަސް، ޝާކިރު އެ ފުރުސަތެއް ނުދިނެވެ. "ތީ ކޮން ކަމެއް؟..." ޝާކިރުގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. "އަދިވެސް އެ ފޮޓޯ؟..." "ބައްޕާ!... މި..." ރިޝާން މަސައްކަތް ކުރީ އެއްޗެއް ބުނާށެވެ. "އިހަށް މަޑުކުރޭ!.. ވާހަކަ ދައްކާށެކޭ ނުބުނަމެއްނު..." ހިތްހަމަނުޖެހިފައި ހުރިވަރުން ޝާކިރުގެ އަޑު ތުރުތުރު އަޅައެވެ. ޝާކިރު ނެގީ ފޯނެވެ. ކޮންމެވެސް ނަންބަރަކަށް ގުޅިއެވެ. "ކަލޭމެން ކައިރީ ބުނާގޮތަށް ކަންތައް ނުކުރެވެނީ ކީއްވެތަ؟... ބުނި ވަރަކަށް ލާރި ނުދެންތަ؟..." ޝާކިރުގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. ބަދިގޭގައި އުޅުނު ނަޖުމާވެސް އަޑުގަދަވެގެން ރިޝާންގެ ކޮޓަރިއަށް ވަނެވެ. "ހަމަ މިހާރު އެ ލިޔުން ނަގާ... އަހަންނަށް ވަރިހަމަ ކޮންމެ ގޮތަކުންވިޔަސް.." ޝާކިރު ފަހުބަސް އިއްވާފައި ފޯނު ކަނޑައިލިއެވެ. "ކިހިނެއްތަވީ؟... އަނެއްކާ ވެސް މީހަކު ހަބަރެއް ޖެހީތަ؟..." ޝާކިރު ރުޅި އަންނާނީ އެންމެ ކަމަކަށްކަން ނަޖުމާއަށް އެނގެއެވެ. "ރިޝާން ކައިރީ ތި ވާހަކަ އަހާ... އަދިވެސް ބޮޑެއް ނުވެޔޭ... " ޝާކިރު ނުކުމެގެން ދިޔައީއެވެ. ނަޖުމާ ކަންބޮޑުވެފައި ރިޝާންގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. "ދަރިފުޅު ކީއްވެތަ ބައްޕަ ހިތްހަމަނުޖެހޭގޮތަށް ކަންތައް ކުރަނީ؟... މަންމަ ނުބުނަންތަ އެހެން ނުހަދާށެކޭ؟..." ޝަކުވާގެ ރާގެއްގައި ނަޖުމާ އަހައިލިއެވެ. ރިޝާން އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީ ކުށްވެރިއަކު ފަދައިންނެވެ. ******** "ކޮންޓެންޓް ނޮޓް އެވެއިލެބަލް.." މުޅި އިންޓަނެޓުގައި އަތްފުނާ އަޅައިގެންވެސް އިޒީއަށް ދެވަނަ ފަހަރަށް އެ ލިޔުމެއް ނުފެނުނެވެ. ތަސްވީރުވެސް މެއެވެ. ކީއްވެ ހެއްޔެވެ؟ ބަޔަކު އެ ލިޔުން ނެގީ ހެއްޔެވެ؟ "ނޫން.." އިޒީއަށް ގޮތް ހުސްވިއެވެ. "މީ އާދައިގެ ކަމެއް ނޫން... މީގެ ފަހަތުގަ ކޮންމެވެސް ބާރުގަދަ މީހެއްގެ އަތެއް އެބަ ވޭ... އެކަމަކު ކާކު؟..." އިޒީ ވިސްނައިލިއެވެ. ********* ގެއިން ބޭރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު، އިޒީގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. ކުރީ ދުވަހެކޭ އެއްގޮތަށް މިއަދުވެސް މީހަކު އޭނާއަށް ފާރަލާނޭ ހެއްޔެވެ؟ ނޫނެކެވެ. ކުރީ ދުވަހާއި ހިލާފަށް، އޮފީހާއި ހަމައަށް ދިޔައިރުވެސް އިޒީއަށް ތަފާތު ކަމެއް ފާހަގައެއް ނުވިއެވެ. ކުރީ ދުވަހު، ފާރަލަމުން ފަހަތުން އައި މީހާވެސް ނުފެނުނެވެ. އެއީ އިޒީ ބޭނުންވި ގޮތެވެ. އެހެނަސް، އޭނާ އުފަލެއް ނުވިއެވެ. ހިތަށް ހަމަޖެހުމެއްވެސް ނުލިބުނެވެ. އިޒީގެ ހިތުގެ ކަނަކުން އެދުނީ އެމީހާ އޭނާއަށް ފާރަލުމަށެވެ. ކާކުކަން ހޯދޭނީ އޭރުން ކަމުގައިވާތީއެވެ. ލިފްޓުން ނުކުމެގެން ކުރިއަށް ހިނގައިގަތް އިޒީއަށް އެރުނީ ޝިފްލީންގެ ކުރިމައްޗަށެވެ. އިޒީގެ މޫނު ފެނުމުން، ޝިފްލީންގެ ހިތަށް ރަހުމުވަނެވެ. "ޑޮކްޓަރަށް ދައްކަން ނުދަންދޯ؟..." މަސައްކަތުގެ ތަފްސީލަށް ދިޔުމުގެ ބަދަލުގައި ޝިފްލީން ފެށީ އިޒީ އެންމެ ފޫހިވާ މައުޟޫޢުއެވެ. ކުޑަ އިރުކޮޅަކު ޝިފްލީންގެ މޫނަށް ބަލަން ހުރެފައި، އިޒީ ކުޑަކޮށް ޝިފްލީނާއި ދުރަށް ޖެހުނެވެ. ޝިފްލީނަށް ދޮގު ހަދަން އޭނާއަށް ފަސޭހައެއް ނުވިއެވެ. "މަސައްކަތް ހުރިގޮތުން ނުދެވުނީ..." އިޒީ ބަހަނާއެއް ހޯދިއެވެ. އިޒީ ކެބިން އާއި ދިމާއަށް ހިނގައިގަތުމުން، ޝިފްލީންވެސް ފަހަތުން ދިޔައެވެ. "ތީ ޖަވާބެއް ނޫން..." އިޒީގެ ޖަވާބު ޝިފްލީނަކަށް ކަމަކުނުދިޔައެވެ. "އަހަންނަށް ޔަގީން އިޒީއަށް މިވަގުތު އެންމެ ބޭނުންވާނީ ޑޮކްޓަރެއްގެ އެހީ ކަން..." "އަހަރެން އޯކޭއޭ..." އިޒީ ގަދަކަމުން ހިނިތުންވެލިއެވެ. "ތީ އަބަދުވެސް އިޒީ ދޭ ޖަވާބު.." އޯގާތެރި ރާގަކަށް ޝިފްލީން ބުނެލިއެވެ. ކެބިން އާއި ހަމައިން އިޒީ ހުއްޓުނެވެ. ޝިފްލީނަށް ބަލައިލިއެވެ. "އަސްލުވެސް އޯކޭއޭ..." އިޒީ ބޭނުންވީ އޭނާ ހަމަޖެހިގެން ހުރިކަން ޝިފްލީނަށް އަންގައިލާށެވެ. "އޯކޭ... އެކަމަކު، ތިކަމުގަ މާ ގިނަ ދުވަސް ނުކުރާތި!... ކުރަންޖެހޭ ކަންކަން ނިންމުމުގެ ކުރިން މީހާ ހަލާކުވެދާނެ..." ޝިފްލީން ހަނދާންކޮށްދިނީ އިޒީއަކީ ބޮޑެތި ޒިންމާތަކެއް ބޮލުގައި އަޅައިގެން ހުރި މީހެއް ކަމެވެ. އިޒީ ކެބިންއަށް ވަންތާ ގިނައިރެއްނުވެ، ޓަކި ޖަހައިލާފައި ޔައިލްވެސް އެތެރެއަށް ވަނެވެ. ޔައިލް ފެނުމުން، އިޒީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ހިތުގެ ތެޅުން އިތުރުވިއެވެ. ޔައިލްގެ އެންމެ ކުދިކުދި ކަންކަމުން ފެށިގެން ސިފަތަކަށް އޭނާއަށް ވިސްނުނެވެ. އެއީ އޭގެ ކުރިން އޭނާއަށް ނުވާ ގޮތެކެވެ. "ހާދަ ކުރިން؟..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އިޒީ ބުނެލިއެވެ. "ކުރިން އަންނަން މަޖުބޫރު ވަނީއޭ..." ޔައިލްގެ އަޑުގައި ހުރީ ސަމާސާގޮތެކެވެ. "އަހަރެންގެ ބޮސް އަންނަ ގަޑިއަކަށްނު އަހަރެންވެސް އަންނަންވާނީ..." ޔައިލްގެ ނަޒަރު ހުއްޓިފައިވީ އިޒީގެ ދެލޮލަށެވެ. ވަރުބަލިވެފައިވާ އެ ދެލޯ އަރާމެއް ބޭނުންވެފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަން އެ ދެލޮލުގެ ވެރިމީހާއަށް އިހުސާސް ނުވާތީ، ޔައިލްގެ ހިތަށް އުނދަގޫ ވަނީއެވެ. ހިތުގައި ޝަކުވާ އުފެދުނެވެ. އިޒީ އަމިއްލަ ނަފުސާއިމެދު ފަރުވާކުޑަ ކުރަނީ ކީއްވެ ހެއްޔެވެ؟ "ކީއްވެ؟... އަހަރެން މަޖުބޫރެއް ނުކުރަމެއްނު...." އިޒީގެ ހިތް އެދުނީ އޭނާގެ ހިތުގައި އޮތް ޖަވާބު ޔައިލްގެ ފަރާތުން ލިބުމެވެ. އެހެނަސް އެހެނެއް ނުވިއެވެ. "މިއަދު އެބަޖެހޭ ކްލަޔަންޓެއްގެ ސައިޓަށް ގޮސްލަން..." ޔައިލް ބުނެލިއެވެ. ޔައިލްގެ މަގުސަދަކީ އެންމެ ކަމެކެވެ. "ފަހުން ދާނަން..." ކުރިމަތީގައި އޮތް ފައިލު ހުޅުވައިލަމުން އިޒީ ބުންޏެވެ. "ކީކޭތަ އޭނަ ބުނީ؟..." ޔައިލް ވިސްނައިލާކަމަށް ހެދުނެވެ. އޭނާ އިނީ އިޒީގެ މޫނަށް ވެރިވާ އަސަރުތަކަށް ވިސްނައިގެންނެވެ. "ތޭރަ އަހަރު ކުރީގެ ކޭސްއަކާ ގުޅޭ ކަމެކޭ ކަންނޭނގެ ބުނީ..." "އޭނ؟.." އިޒީއަށް ލިބުނީ ސިހުމެކެވެ. ޔައިލް ބޭނުންވި ކަންތައް ފުރިހަމަވީއެވެ. ދެން އޮތީ، އެ ކަންތަކުގައި ކުލަ ޖެއްސުމެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ