އީރާން ބިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް އަނެއްކާވެސްދީފި

އީރާނުން އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދީފިނަމަ، އެ ގައުމު "ބިމާ ހަމަކޮށްލާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ދީފިއެވެ.
ޓްރަމްޕް ތަކުރާރުކޮށް މި އިންޒާރު ދެމުންދާއިރު ހޮރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ދެ ގައުމުގެ މެދުގައި އޮތް ވަގުތީ ސުލްހަ މިހާރު ވަނީ ނެތިދިއުމުގެ މަގުމަތީގައެވެ.
​ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ ބާރު ގަދަކަން ފާހަގަކޮށް، އީރާނަށް އާ އިންޒާރުތަކެއް ދީފައެވެ. އޭނާ ބުނީ ކުރިއަށްވުރެ ގިނަ އަދި ފެންވަރު ރަނގަޅު ހަތިޔާރާއި ވަޒަން އެމެރިކާގެ އަތުގައި އެބަހުރި ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތައް ވަނީ ހަތިޔާރުން ފުރާލެވިފައި ކަމަށެވެ. ބޭނުން ޖެހިއްޖެ ހިނދެއްގައި އެ ހުރިހާ ވަސީލަތެއްގެ ބޭނުން ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
​މި ހަމަނުޖެހުންތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް މަގުދައްކައި، އީރާނުން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ މަގު ބަންދުކުރުން ނައްތާލުމަށް "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އެމެރިކާގެ ރޭވުމެއް ތަންފީޒުކުރަން ވަނީ ފަށާފައެވެ. އެމެރިކާގެ ދެ މާޗަންޓް އުޅަނދެއް އެ ސަރަހައްދުން ހުރަސްކުރުމަށް އެހީތެރިވި ކަމަށް ވޮޝިންގޓަނުން ބުންޏަސް، ބޯޓުފަހަރުގެ ދަތުރުތައް އަދިވެސް އޮތީ މެދުކެނޑިފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ބުނި ގޮތުގައި، މި ކޮންފްލިކްޓްގެ ތެރޭގައި 87 ގައުމަކަށް ނިސްބަތްވާ އުޅަނދުފަހަރު ވަނީ ތާށިވެފައެވެ. މި އުޅަނދުތަކަކީ އެއްވެސް ކުށެއް ނެތް ފަރާތްތަކެއް ކަމަށާއި، ރައްކާތެރިކަމާއެކު ދަތުރުކުރުމަށް އެ ފަރާތްތަކަށް ހިތްވަރު ދެމުންދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެމެރިކާގެ މި އެހީތެރިކަމަށް ބޯޓުފަހަރުން އިޖާބަދިން މިންވަރެއް އަދި ސާފެއް ނުވެއެވެ.
އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް ހުރިކަން ދައްކާފައެވެ. އެގޮތުން ދެކުނު ކޮރެއާގެ ބޯޓެއްގައި އެއްޗެއް ގޮވައި އަލިފާން ރޯވެފައިވާކަން އެ ގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ އެ ސަރަހައްދުން ދަތުރުކުރި އިތުރު ދެ ބޯޓެއްގައި ވެސް އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ޓްރަމްޕް ވަނީ ދެކުނު ކޮރެއާގެ ބޯޓަށް ދިން ހަމަލާ ބޭނުންކޮށްގެން، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގައި ބައިވެރިވުމަށް ސޯލްއަށް ގޮވާލާފައެވެ. އޭނާ ބުނީ އީރާނުން އާދައިގެ ކުދި ބޯޓުތަކެއް ބޭނުންކޮށްގެން ހަމަލާދޭން އުޅުނަސް، އެމެރިކާއިން އެ ތަކެތި ފައްތާލަމުންދާ ކަމަށެވެ. ނަމަވެސް އީރާނުގެ ރަސްމީ ނޫސް އެޖެންސީން ވަނީ އެމެރިކާގެ މި ދައުވާތައް ދޮގުކޮށްފައެވެ.
އީރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގައި ޕެޓްރޯލް ލިޓަރެއްގެ އަގު ކުރިން ހުރިވަރަށްވުރެ ބޮޑުތަނުން އުފުލި، އިންފްލޭޝަން އިތުރުވަމުންދާތީ، ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބަށް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.
އަނެއްކޮޅުން އީރާނުން ބުނަމުންދަނީ ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ގައުމުގެ އަތްމަތީގައި ކަމަށެވެ. އަދި އެމެރިކާގެ "އަސްކަރީ ކުޅިވަރުތަކުގެ" ސަބަބުން ކުރިމަތިވާ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމުގެ އިންޒާރު އީރާނުގެ އޮފިޝަލުން ވަނީ ދީފައެވެ.
ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި ހޯމަ ދުވަހު އީރާނުން ފޮނުވާލި 12 ބެލިސްޓިކް މިސައިލާއި، 3 ކުރޫޒް މިސައިލްގެ އިތުރުން 4 ޑްރޯން އެ ގައުމުގެ ސިފައިން ވަނީ ހުއްޓުވާފައެވެ. ނަމަވެސް ފުޖައިރާގެ ތެޔޮ ރައްކާކުރާ ސަރަހައްދަށް ދިން ހަމަލާއެއްގައި އަލިފާން ރޯވެ ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.
އީރާނުން ބުނާ ގޮތުގައި ފުޖައިރާއަށް ދެވުނު ހަމަލާއަކީ އެމެރިކާގެ ސިޔާސަތުތަކުގެ ނަތީޖާއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ގަވާއިދާ ހިލާފަށް ބޯޓުފަހަރު ދަތުރުކުރުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރާ މަސައްކަތުގެ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށް އީރާނުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
މި ހުރިހާ ކަމެއް ހިނގަމުންދާއިރު ވެސް، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތް އޮތުން އަދިވެސް ދަނީ ކުރިއަށެވެ. ސެންޓްކޮމް އިން ހާމަކުރި ގޮތުގައި، އެމެރިކާގެ އަސްކަރީ ބަންދާ ޚިލާފުވި 50 ވިޔަފާރި އުޅަނދެއް އެމެރިކާ ސިފައިން ވަނީ ހުއްޓުވައި އަނބުރާ ފޮނުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ