ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ހުށަހެޅި މައްސަލަ ބޭރު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުމަށް އިދިކޮޅު އެމްޑީޕީން މިއަދު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ. ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި މައްސަލައިގައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ފަތުރުވެރިން އައުން ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން އެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށެވެ. ހަނގުރާމައިގެ ކުރިން ރާއްޖެއަށް ދުވާލަކު 10،000ން ފަތުރުވެރިން އައި ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި މަޢުރޫފް ފާހަގަކުރެއްވި ގޮތުގައި އެ އަދަދު 7،000އަށް އަދި 5،000އަށް ވަނީ ތިރިވެފައެވެ. އޭގެ އިތުރުން ފަތުރުވެރިން ރާއްޖެ އައުމަށް ހައްދައިފައިވާ 2،000އަށް ވުރެ ގިނަ ބުކިން ކެންސަލްކޮށްފައިވާ ކަމަށް، އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގެސްޓްހައުސްތަކަށާއި ރިސޯޓުތަކަށް ގެއްލުންވެ، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް، މަޢުރޫފް ވިދާޅުވިއެވެ. ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު -- ފޮޓޯ/ މަޖިލިސް އޭނާ ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ އިގުތިޞާދުގެ ކުރިއެރުން އޮތީ 5.4 އިންސައްތައިގައި ކަމަށެވެ. ނަމަވެސް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)އިން އަންދާޒާކުރާ ގޮތުގައި، އެ އަދަދު އެއް އިންސައްތައަށް ދަށްވާނެ ކަމަށް، މަޢުރޫފް ވިދާޅުވިއެވެ. ވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް މި މުއްދަތުގައި ލުއިތަކެއްދީ، ފައިސާ ދައުރުކުރުމަށް އެހީތެރިވެދޭނެ ފިޔަވަޅުތައް އެޅުން މުހިއްމުކަމުގައި މަޢުރޫފް ފާހަގަކުރެއްވިއެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ފިޔަވަޅުތަކުގެ ތެރޭ ހިމެނެނީ: މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ވިޔަފާރި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ގޮތުން "ވޯކިން ކެޕިޓަލް ލޯނު" ސްކީމެއް ތަންފީޒުކުރުން ނުވަތަ އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކުރުން "އިންޓްރެސްޓް ފްރީ މޮރަޓޯރިއަމް ލޯނު" ފަދަ އުސޫލެއް ތަންފީޒުކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި އެސްއެމްއީ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަހަށް މެދުކަނޑައިލުމުގެ ފުރުސަތު ދިނުމަށްފަހު އިންޓްރެސްޓް ރޭޓު މަޑުމަޑުން ތައާރަފްކޮށް، ދައުލަތުގެ ބަޖެޓަށް ބުރަނުވާނެހެން އެހީތެރިކަން ދިނުން ބީއެމްއެލް ފަދަ މުއައްސަސާތައް މެދުވެރިކޮށް ލުއި ލޯނުތައް ފަސޭހައިން ލިބުން އިންތިޒާމުކޮށް ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ދިނުން ޔޫޓިލިޓީ ސަބްސިޑީތައް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ތައާރަފުކޮށް ކަރަންޓާއި ތެލުގެ ޚަރަދުތަކަށް ލުޔެއް ދިނުން ރިސޯޓު ކުއްޔާއި އެއާޕޯޓު ޗާޖު ފަދަ ޚަރަދު ވަގުތީގޮތުން ކުޑަކުރުން ރާއްޖެ އައި ޗައިނާ ފަތުރުވެރިންތަކެއް -- ފޮޓޯ/ ވެލާނާ އެއާޕޯޓް ނަމަވެސް ވެރިކަންކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއިރު، ބަހުސްކުރަން ނުފެންނަ ކަމަށް 33 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ. މިދިޔަ އޭޕްރިލް މަހުގެ 24ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 27 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. https://sun.mv/221044 މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވަނީ މަދުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 22 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 110،178 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 150،808 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންވެ، މިއީ 27 އިންސައްތައިގެ ދަށްވުމެކެވެ. މި އަހަރު ޖުމުލަ ރާއްޖެއަށް 758،753 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ހަތަރު އިންސައްތަ ދަށް އަދަދެކެވެ. އެމިރޭޓްސް ފްލައިޓެއް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ މެދުއިރުމަތީ ރޫޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައިވަނީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގިނަ ބަޔަކު ރާއްޖެ އަންނަނީ މެދުއިރުމަތީގެ ރޫޓްތަކުންނެވެ. އެކަމަކު، އެ ރޫޓްތަކުން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެ ގޮންޖެހުން ރާއްޖެއަށް ވަނީ ބޮޑުވެފައެވެ. ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށްވި ނަމަވެސް ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ރޫޓު ކަމަށްވާ ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އަޅައިފައިވާ ވަގުތީ ފިޔަވަޅުތައް އުވައިލައި، ވައިގެ ދަތުރުފަތުރުގެ ކަންކަން އާންމު ހާލަތަށް ގެނެސްފައިވާކަން އެ ގައުމުން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހެވެ. https://sun.mv/221418 އެގޮތުން އެ ގައުމުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ)އިން ނެރުނު ރަސްމީ ބަޔާނުގައި ވަނީ، އެ ނިންމުން ނިންމައިފައިވަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަލާމަތީ އަދި އޮޕަރޭޝަނަލް ޙާލަތު ވަރަށް ފުރިހަމައަށް ވަޒަންކުރުމަށް ފަހު ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައެއްގައި ކަށަވަރުކުރުމަށް ޓަކައި، ވަގުތުން ވަގުތަށް ކަންކަން މޮނިޓާކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ. މެދުއިރުމަތީގެ ސަލާމަތީ މަސްރަޙަށް އައި ބަދަލުތަކާ ގުޅިގެން، ފެބްރުވަރީ 28 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ވައިގެ ސަރަޙައްދަށް ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓުތަކަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. މިގޮތުން މެދުއިރުމަތީގެ ހަތް އެއާޕޯޓަކުން 3،400 އަށްވުރެ ގިނަ ފްލައިޓު ކެންސަލްކުރަން ޖެހުނުއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެމިރޭޓްސް، އިއްތިހާދު އެއާވޭސް އަދި ފްލައިދުބާއީ ފަދަ އެއާލައިންތަކުގެ ދަތުރުތައް މަޑުޖައްސާލަން ޖެހުނެވެ. ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން ދަތުރުކުރަނީ މި އެއާލައިންތައް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ