ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ އީޝާ އަޝްރަފް މިރޭ ފުލުހަށް ހާަޒިރުވާން އަންގައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އޭޕްރީލް މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި 'އަދަދު' ނޫހުގެ އޮފީސް ފާސްކޮށް، އެ ތަނުން އިލެކްޓްރޯނިކް ޑިވައިސްތައް ގެންގޮސްފަ އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ޕާސްޕޯޓް ހިފަހައްޓާފައިވަނީ:
'އަދަދު'ގެ ސީއީއޯ ހުސެން ފިޔާޒް މޫސާ
'އަދަދު'ގެ އެޑިޓަރު ހަސަން މުހައްމަދު
އީޝާ އަޝްރަފް
އޭގެ ތެރެއިން ފިޔާޒް އަދި ހަސަން މުހައްމަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ތަފްސީލް - އީޝާ ވެސް ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާކަން އޭނާ މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. އެގޮތުން، އެ ޗިޓުގައިވަނީ:
ހުޅުމާލޭ ފޭސް 1ގައި ހުންނަ ފުލުސް އޮފީހަށް މިރޭ 9ގައި ހާޒިރުވާން
ފުލުސް އޮފީހުގައި ގާތްގަނޑަކަށް 3 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ
އީޝާ ހާޒިރުކުރަނީ، ފުލުހުންގެ ޗިޓުގައިވާ ގޮތުން، "2026 މާޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކޮށް، 'އައިޝާ' ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ" އެވެ.
އެނގުން މުހިންމު - މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ސަރުކާރުން ވަކިކޮށްފައިވާ އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ނެރުނީ އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
އެ އަމުރުގައިވާ ގޮތުން:
އީޝާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް
އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވޭ
ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ މިރޭ ފުލުހަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ