ސިޓީ އަތުން ބާރު ކެހި، އާސެނަލަށް ލީގުގެ އުންމީދު ބޮޑުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް ކުރާ މަސައްކަތުގައި މެންޗެސްޓާ ސިޓީއަށް ހީނަރުކަމެއް އަތުވެ، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށް ރަނގަޅު ފުރުސަތެއް ފަހިވެއްޖެއެވެ. ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރުވުމުން، ލީގުގެ ރޭހުގައި އަމިއްލަ ބާރު ސިޓީއަށް ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ލީގުގެ އެއްވަނައިގައި އޮތް އާސެނަލަށް 35 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީއަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ސިޓީއަށް ބާކީ އޮތް މެޗު ކާމިޔާބު ކުރި ނަމަވެސް، އާސެނަލާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އޮންނާނެއެވެ. މިއީ ލީގު ކާމިޔާބު ކުރުމަށް އާސެނަލަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ. އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ލީޑުގައި އޮވެގެންނެވެ. މެޗުގެ ކުރީކޮޅު އާލިން ބްރައުޓް ހާލަންޑާއި އަންޓުއާން ސެމެންޔޯ އަދި ރަޔާން ޗާކީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި ނަމަވެސް، 43 ވަނަ މިނިޓުގައި ޖެރެމީ ޑޮކޫ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ސިޓީއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ދެވަނަ ހާފުގައި ސިޓީގެ ޑިފެންސަށް ދިމާވި މައްސަލަތަކުގެ ފައިދާ އެވަޓަންއިން ވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ. އެގޮތުން 68 ވަނަ މިނިޓުގައި ސިޓީގެ މާކް ގޭހީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ތިއާނޯ ބެރީ ވަނީ އެވަޓަންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަސް މިނިޓު ފަހުން ޖޭމްސް ގާނާ ނެގި ކޯނަރަކުން ޖޭކް އޯބްރަޔަން ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަދެ، އެވަޓަންއަށް ލީޑު ލިބުނެވެ. އަދި 81 ވަނަ މިނިޓުގައި ބެރީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެވަޓަންއަށް 3-1 ގެ ލީޑެއް ހޯދައިދިނެވެ. ދެ ގޯލުގެ ފަރަގެއް އޮތް ނަމަވެސް ސިޓީން ހިތްވަރު ދޫކޮށްނުލާ ކުރި މަސައްކަތުން، 83 ވަނަ މިނިޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ ނަތީޖާ ސިޓީއަށް ހަމަހަމަކޮށްދިނީ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޑޮކޫ ކާމިޔާބުކުރި ލަނޑުންނެވެ. މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލުމަކީ މާޔޫސްވާންޖެހޭ ކަމެއް ނަމަވެސް، އުންމީދު ކަނޑާނުލާނެ ކަމަށެވެ. އަދި ބާކީ ހުރި މެޗުތަކުގައި ފަހު ވަގުތާ ހަމައަށް ހިތްވަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މި ނަތީޖާއާއެކު، އާސެނަލް މިހާރު އޮތީ 20 އަހަރަށް ފަހު ލީގު ތަށި އުފުލާލުމުގެ ރަނގަޅު މަގަކަށް އެޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ