މެލޭޝިއާ މުބާރާތުގައި އަޒްޔާން އަނެއްކާވެސް ސެންޗަރީއެއް!

މެލޭޝިއާގައި މިހާރު ކުރިއަށްދާ "މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ) ފިރިހެނުންގެ 50 އޯވަރު އިންޓަރ ސްޓޭޓް ޕްރިމިއަރ ކަޕް 2026" ގައި ރާއްޖޭގެ ތަރި ޔޫސުފް އަޒްޔާން ފަރުހަތު އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި، އޭނާ ކުޅެމުން އަންނަ ކުއަލަ ލަމްޕޫރު ޓީމަށް މުހިންމު މޮޅެއް ހޯދައިދީފިއެވެ. ސަރަވަކްއާ ދެކޮޅަށް ކުޅުނު މި މެޗުގައި އަޒްޔާން ވަނީ އުކުމާއި ކުޅުމުގައިވެސް ތަފާތު ދައްކާފައެވެ. މެޗުގެ ގުރުދިމާވުމުން ކުއަލަ ލަމްޕޫރުން ނިންމީ ފުރަތަމަ ފީލްޑް ކުރުމަށެވެ. ސަރަވަކް ޓީމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 190 ލަނޑު ހެދިއިރު، އަޒްޔާން ވަނީ ހިތްގައިމު އުކުމެއް ދައްކައި 10 އޯވަރުގެ ތެރޭގައި 2 ވިކެޓް ނަގާފައެވެ. ޖަވާބުގައި ކުއަލަ ލަމްޕޫރުން ކުޅެން އަރައި 43.1 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 191 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކުރިއެވެ. މެލޭޝިއާ ސްޓޭޓް ޕްރިމިއާ ކަޕުގައި ސެންޗަރީ ފުރިހަމަކުރި މެޗުގައި ރާއްޖޭގެ އަޒްޔާން-- މި އިނިންގްސްގައި އަޒްޔާން ވަނީ ނުބައިނުވެ 75 ބޯޅައިން 105 ލަނޑު ހަދައި ސެންޗަރީއެއް ފުރިހަމަކޮށްފައެވެ. މިއީ މެލޭޝިއާގެ މި ފަންތީގެ މުބާރާތެއްގައި އޭނާ ހެދި ދެވަނަ ސެންޗަރީއެވެ. އަޒްޔާން ފަރުހަތަކީ ދިވެހި ކްރިކެޓްގެ ތާރީހުގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ އަޒްޔާން ވަނީ ކުލަބު ފެންވަރުގައި މިލާން ކްރިކެޓް އެކެޑަމީއަށް ކެޕްޓަނެއްގެ ގޮތުގައި ފަސް މުބާރާތް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ ޝަރަފުވެރި މަގާމުވެސް އޭނާ ވަނީ ހޯދާފައެވެ. އޭނާ މެލޭޝިއާގައި މަތީ ތައުލީމު ހާސިލުކުރަމުން ދަނީ ކްރިކެޓް ސްކޮލަޝިޕެއްގެ ދަށުންކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމަކުން ތިން މެޗު ކުޅެފައިވާއިރު، އަޒްޔާންގެ ކުއަލަ ލަމްޕޫރު ޓީމު މިހާރު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ޖުމްލަ 6 ޓީމު ވާދަކުރާ މި މުބާރާތުގައި އަޒްޔާން ދައްކަމުންދާ ކުޅުމަކީ މެލޭޝިއާގެ ކްރިކެޓް މައިދާނުގައި ދިވެހި ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދޭ ދަލީލެކެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ އެމްސީއޭ ސުޕަ ސީރީޒްގައިވެސް އޭނާ ވަނީ ސެންޗަރީއެއް ހަދައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ