ނަޝީދަށް ސަރުކާރުގެ ނުސީދާ ރައްދެއް: ބޭރު ގައުމަކާއެކު އޮންނަ ގުޅުމަށް އަސަރުކުރާނެ ވާހަކަދައްކާއިރު ސަމާލުވާންޖެހޭނެ
ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ދެއްކެވުމުގައި، ޚާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރާފައިވާ ފަރާތްތަކުން އެންމެ މަތީ ދަރަޖައިގެ ސަމާލުކަންދީ، ބުއްދިވެރިކަން އިސްކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ، ޗާގޯސް މައްސަލައާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައިވަނިކޮށް، އެ ގައުމުން އަލުން ދިވެހި ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އިންޑިއާގައި ބޭއްވި އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނަޝީދު ވިދާޅުވީ، މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި މޮރިޝަސްއިން ދިން ފުރުސަތުގެ ބޭނުން ހިފުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. https://sun.mv/221747 މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ "ދިވެހިރާއްޖެ އިސްކުރުން" މި އުސޫލުގެ މައްޗަށްކަން އެ މިނިސްޓްރީން އަލުން ބުންޏެވެ. ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސިޔާދަތީ މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ ގާއިމުކުރެވިފައިވާ މުއައްސަސާވީ ނިޒާމުތަކުގެ ތެރެއިންނެވެ. އަދި ޚާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. "އެފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަން އިތުރުކޮށްދޭ އަދި ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ވާހަކަތަކަށް ވާންޖެހޭނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ސިޔާދަތާއި ކަރާމާތް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލީ، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ރާއްޖެއިން އިއުތިރާޒުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ ރާއްޖޭގެ އެންމެ ތިލަފުށީގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދޫނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ