ހާރިޖީ ސިޔާސަތާއި ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގްވާމީ ގުޅުންތަކާ ގުޅޭ ކަންކަމުގައި ކުރިން އިސް މަގާމުތައް ފުރުއްވާފައި ތިއްބަވާ ބޭފުޅުން ދައްކާ ވާހަކަތަކުން އަސަރުތަކެއް ކޮށްފާނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކަންވާނީ ވަރަށް ފަރުވާތެރިވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީން މިހެން ބުނީ އިންޑިއާގެ ނިއުދިއްލީގައި އިއްޔެ އޮތް 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައި ވަނިކޮށެވެ. އެގޮތުން ފޯޅަވަހި މައްސަލައަށް އެމަނިކުފާނު އަލިއަޅުވާލައްވާފައިވެ އެވެ.
ބުނީ ކީކޭ؟ - އެ ދަތުރުފުޅުގައި ޑައިލޮގުގެ އިތުރުން އިންޑިއާގެ ނޫސްތަކާ ވެސް. އެ މައުލޫގައި ނަޝީދު ވާހަކަދެއްކެވިއިރު، ރާއްޖެއަށް އެނބުރި ވަޑައިގެން ދިވެހި މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައި ވެސް ނަޝީދު ވަނީ އެކަމަށް އަލިއަޅުވާލައްވާފަ އެވެ.
"އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާއި ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. އެބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުންމީދުކުރަން ރާއްޖޭގެ ފޮރިން އެފެއާޒުން ވެސް މޮރިޝަސް ސަރުކާރާ އެކު މި ފުރުސަތުގެ ބޭނުންކޮށްގެން ކުރިއަށްދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފަައިސާގެ ދަތިކަމާގުޅޭ ގޮތުން އިންޑިއާ ސަރުކާރުގެ ބޭފުޅުންނާއި ވެސް މަޝްވަރާތަކެއް ކުރައްވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެކުވެރި ދައުލަތްތަކުން ދޭ ފައިސާ އިސްރާފުކުރަމުންދާ ނަމަ، އެ ގައުމުތަކުގެ އިސް ފަރާތްތަކުން ވެސް އެއްޗެހި ހިތަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ތަފްސީލު - ނަޝީދުގެ ވާހަކަފުޅަށްފަހު ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ދިވެހި ސަރުކާރުން މިނިވަން، ޒިންމާދާރު އަދި 'މޯލްޑިވްސް ފަސްޓް' ހާރިޖީ ސިޔާސަތެއް ގެންގުޅެން ދޭ އަހަމިއްޔަތުކަމަށް އަލިއަޅުވާލާފަ އެވެ.
ރާއްޖެއިން ހާރިޖީ ސިޔާސަތުގެ ކަންކަން ކުރިއަށްގެންދަނީ، މިނިސްޓްރީން ބުނި ގޮތުގައި ވަކި މަރުހަލާތަކެއްގެ ތެރެއިން، ގައުމީ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖެއިން ހުރިހާ ގައުމުތަކާ އެކު ވެސް، ދެ ފަރާތަށް ވެސް މަންފާވާ ގޮތަށް ގާތް ގުޅުންތައް ބާއްވަން އަހަމިއްޔަތުކަން ދޭ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
އޭގެ ތެރޭގައި ވެސް ވަކިން ހާއްސަކޮށް ދުވަސްވީ ގުޅުންތައް ދެމެހެއްޓުމަށް އިސްކަންދޭ ކަމަށާއި ހިޔާލު އެއްގޮތް ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މެރިޓައިމް ސެކިއުރިޓީ އާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
ހާރިޖީ ސިޔާސަތަށް އަލިއަޅުވާލުމަށްފަހު ފޮރިން މިނިސްޓްރީން ބުނީ، ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން މިފަދަ ކަންކަމުގެ ވާހަކަތައް ދެއްކުމަކީ އެކަމުން އަސަރުތަކެއް ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ވާހަކަތަކުން ނުކުންނަން ވާނީ ގައުމީ އެއްބައިވަންތަކަމާއި ރާއްޖޭގެ މުއައްސަސާތަކަށް އޮތް އިތުބާރު އިތުރުވުން ފަދަ، ރަނގަޅު ނަތީޖާ އެކެވެ.
އެއާ އެކު މިނިސްޓްރީން އިލްތިމާސްކުރީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ފަދަ ވާހަކަތައް ވީހާވެސް ފަރުވާތެރިކަމާ އެކު ދެއްކުމަށެވެ.
ސަރުކާރުން ނުސީދާކޮށް ނަޝީދަށް: ހާރިޖީ ވާހަކަ ދައްކަން ވާނީ ބަލާލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ