ކުރިއަށް އޮތް ވޯލްޑް ކަޕްގައި އެމެރިކާ ކުޅޭ މެޗެއް ބަލަން ވެސް 1000 ޑޮލަރު ހޭދަ، ނުކުރެވޭނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ ލޮސް އެންޖެލިސްގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗު ބަލާލުމަށް 1000 ޑޮލަރު ހޭދަނުކުރައްވާނެ ކަމަށެވެ.
ދަ ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ގްރޫޕް ސްޓޭޖުގެ މެޗަކަށް ސަޕޯޓަރުން އަތުން ނަގާ އަގުތަކުގެ މަޢުލޫމާތު ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަހަންނަށް އެ އަދަދުތަކެއް ނޭނގޭ، މެޗު ބަލަން ދާން ބޭނުންވި ނަމަވެސް، ތެދަށް ބުނާނަމަ އެވަރުގެ އަދަދެއް އަހަރެން ވެސް ނުދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ އިތުރުން މެކްސިކޯ އާއި ކެނެޑާ ގުޅިގެން ބާއްވާ މިފަހަރުގެ ވޯލްޑް ކަޕްގައި، އެންމެ ޓިކެޓް އަގު ބޮޑީ ވެސް އެމެރިކާގަ އެވެ. އެ ގައުމުގެ ފުރަތަމަ މެޗުގެ ޓިކެޓް އަދިވެސް ވިކި ހުސްނުވެ އެވެ. ސަބަބަކީ ބޮޑު އަގުގައި ޓިކެޓް ވިއްކާތީ އެވެ.
އެކަމަކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޓިކެޓްގެ އަގުތަކުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ގްރޫޕް ސްޓޭޖުގެ 25 ޕަސަންޓް ޓިކެޓަކީ 300 ޑޮލަރަށް ވުރެ ހެޔޮ އަގުގައި ގަންނަން ލިބޭނެ ޓިކެޓްތަކެއް ކަމަށެވެ. އަދި އެމެރިކާގެ ކޮލެޖް ސްޕޯޓްސް ގޭމެއް ނުވަތަ ޕްރޮފެޝަނަލް ކުޅިވަރެއް ވެސް 300 ޑޮލަރަށްވުރެ ހެޔޮކޮށް ބަލާލަން ނުލިބޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.
ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ޖުލައި 19 ގައި ބާއްވާ ފައިނަލް މެޗުގެ ޓިކެޓެއްގެ އެވްރެޖް އަގު މިހާރު ހުރީ 13,000 ޑޮލަރުގަ އެވެ. މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފައިނަލް މެޗުގެ ޓިކެޓް އަގު ކަމަށްވާ 1,600 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ޓްރަމްޕް ކަންބޮޑުވުން ފާޅުކުރެއްވީ މި އަގުތަކުގެ ސަބަބުން އެމެރިކާގެ އާދައިގެ މަސައްކަތްތެރިންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ގެއްލިދާނެތީ އެވެ.
"ކުއީންސް އާއި ބްރޫކްލިންގެ ރައްޔިތުންނާއި ޑޮނަލްޑް ޓްރަމްޕް ދެކެ ލޯބިވާ މީހުންނަށް މެޗުތަކަށް ނުދެވޭނަމަ އެކަމާ ދެރަވޭ،" ޓްރަމް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ "އަހަންނަށް ވޯޓު ދިން މީހުންނަށް މެޗުތަކަށް ދެވޭނެ ގޮތް ވާން އޭނާ ބޭނުންވާ ކަމަށެވެ.
ގްރޫޕް ސްޓޭޖުގެ ޓިކެޓެއްގެ އެވްރެޖް އަގު މިހާރު ހުރީ 567 ޑޮލަރުގަ އެވެ. އެއީ މީގެ ދެ ހަފުތާ ކުރިއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. ނަމަވެސް ސިއެޓްލް ސިޓީގައި އެމެރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުގެ ރިސޭލް ޓިކެޓްތަކުގެ އަގު އަދިވެސް ހުރީ 2,500 ޑޮލަރަށް ވުރެ ވެސް މަތީގަ އެވެ.
ފީފާގެ އަމިއްލަ މާކެޓްޕްލޭސްގައި ޓިކެޓް އަލުން ވިއްކާނަމަ، ގަންނަ މީހާގެ އަތުން 15 އިންސައްތަ އަދި ވިއްކާ މީހާގެ އަތުން 15 އިންސައްތައިގެ ފީއެއް ފީފާއިން ނަގާނެ އެވެ.
އެމެރިކާގެ މެޗެއް ބަލަން ވެސް 1000 ޑޮލަރު ހޭދައެއް ނުކުރެވޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ