މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސިފައިންގެ ކަންކަން އޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް ރައީސްގެ އިރުޝާދުގެ މަތިން ކުރުމަށް އެންގެވި މަސައްކަތްތައް ކުރުމުގައި ދެމިހުންނަވާނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ ވާހަކަފުޅުގައި ދިވެހި ސިފައިން ރާއްޖޭގެ ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރައްވާ ބުރަ މަސައްކަތާއި ވެފައިވާ ގުރުބާނީގެ އަގު ވަޒަންކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަގުސަދުކަން ފާހަގަކުރެއްވިއެވެ. އަދި ސިފައިންނަކީ ހިތްވަރުގަދަ ބައެއްކަން އަމިއްލަ ތަޖުރިބާއިން ފެނިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ފުރަތަމަ ދުވަހުވެސް، ސިފައިންގެ ހާލަތު ރަނގަޅުކުރުމަށް ރައީސް އިރުޝާދު ދެއްވިކަން ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑަށް ވަޒީރުކަން ހަވާލުކުރެއްވުމަށްފަހު ބޭއްވި އެންމެ ފުރަަތަމަ ބައްދަލުވުމުގައި ރައީސް އަޅުގަނޑާއި ދެއްކެވި ވާހަަކަފުޅު ހަނދުމައެބަހުރި. އެގޮތުން ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތަކާއި، ސިފައިންގެ މަރުކަޒުތަކާއި، ބެރެކްތަކުގެ ހާލަތު ރަނގަޅުކުރުމާއި، ސިފައިންގެ ޔުނީފޯމާއި ސޭފްޓީ އިކުއޮޕްމެންޓް އާކުރަމުން ގެންދިއުމަށް ވަގުތުން ވިދާޅުވި." ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސިފައިންގެ ކަންކަން އޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް ރައީސްގެ އިރުޝާދުގެ މަތިން ކުރުމަށް އެންގެވި މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ސިފައިންގެ ޓެކްނިކަލް ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި އެހެން ވުޒާރާތަކާއި ސަރުކާރު ކުންފުނިތަކުން ދޭ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ފަސްގަނޑު ދިފާޢުކޮށް، ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ނެގެހެއްޓުމަށް ކަމަށެވެ. އަދި ދިވެހިންނަކީ ކަނޑުގެ ދަރިން ކަމަށްވާތީ، އިންޑިއާ ކަނޑުގެ އެންމެ ޒަމާންވީ އެއް ހަޟާރަތުގެ ހައިސިއްތަތުން ދިވެހިންނަށް ހައްގުވާ މިންވަރު ހޯދުމަށް ރައީސް ގެންގުޅުއްވާ އިޚްލާޞްތެރި ނިޔަތް ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށްވެސް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
"ރައީސްގެ އިރުޝާދާއި އެއްގޮތަށް ސިފައިންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރާނަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ