ހާރިޖީ ވާހަކަ ދައްކަން ވާނީ ބަލާލައިގެން: ފޮރިން މިނިސްޓްރީ

ހާރިޖީ ސިޔާސަތާއި ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގްވާމީ ގުޅުންތަކާ ގުޅޭ ކަންކަމުގައި ކުރިން އިސް މަގާމުތައް ފުރުއްވާފައި ތިއްބަވާ ބޭފުޅުން ދައްކާ ވާހަކަތަކުން އަސަރުތަކެއް ކޮށްފާނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކަންވާނީ ވަރަށް ފަރުވާތެރިވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ، ޗާގޯސް މައްސަލައާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައިވަނިކޮށް، އެ ގައުމުން އަލުން ދިވެހި ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.އިންޑިއާގައި ބޭއްވި އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނަޝީދު ވިދާޅުވީ، މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި މޮރިޝަސްއިން ދިން ފުރުސަތުގެ ބޭނުން ހިފުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.ނަޝީދުގެ ވާހަކަފުޅަށްފަހު ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ދިވެހި ސަރުކާރުން މިނިވަން، ޒިންމާދާރު އަދި 'މޯލްޑިވްސް ފަސްޓް' ހާރިޖީ ސިޔާސަތެއް ގެންގުޅެން ދޭ އަހަމިއްޔަތުކަމަށް އަލިއަޅުވާލާފަ އެވެ.ރާއްޖެއިން ހާރިޖީ ސިޔާސަތުގެ ކަންކަން ކުރިއަށްގެންދަނީ، މިނިސްޓްރީން ބުނި ގޮތުގައި ވަކި މަރުހަލާތަކެއްގެ ތެރެއިން، ގައުމީ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.ރާއްޖެއިން ހުރިހާ ގައުމުތަކާ އެކު ވެސް، ދެ ފަރާތަށް ވެސް މަންފާވާ ގޮތަށް ގާތް ގުޅުންތައް ބާއްވަން އަހަމިއްޔަތުކަން ދޭ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.އޭގެ ތެރޭގައި ވެސް ވަކިން ހާއްސަކޮށް ދުވަސްވީ ގުޅުންތައް ދެމެހެއްޓުމަށް އިސްކަންދޭ ކަމަށާއި ހިޔާލު އެއްގޮތް ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މެރިޓައިމް ސެކިއުރިޓީ އާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.ހާރިޖީ ސިޔާސަތަށް އަލިއަޅުވާލުމަށްފަހު ފޮރިން މިނިސްޓްރީން ބުނީ، ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން މިފަދަ ކަންކަމުގެ ވާހަކަތައް ދެއްކުމަކީ އެކަމުން އަސަރުތަކެއް ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ.މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ވާހަކަތަކުން ނުކުންނަން ވާނީ ގައުމީ އެއްބައިވަންތަކަމާއި ރާއްޖޭގެ މުއައްސަސާތަކަށް އޮތް އިތުބާރު އިތުރުވުން ފަދަ، ރަނގަޅު ނަތީޖާ އެކެވެ.އެއާ އެކު މިނިސްޓްރީން އިލްތިމާސްކުރީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ފަދަ ވާހަކަތައް ވީހާވެސް ފަރުވާތެރިކަމާ އެކު ދެއްކުމަށެވެ.މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލީ، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ރާއްޖެއިން އިއުތިރާޒުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ދޫނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ