އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕަށް ބޮޑު ތަރުހީބެއް

ކާސްލް ޗެސް ކްލަބާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަން ގުޅިގެން އިންތިޒާމުކުރި އެސްޓީއޯ ބޮޑު ރިޔާ ޗެންޕިއަންޝިޕަށް ލިބުނު ތަރުހީބު ބޮޑުކަމަށް އެ ކްލަބުގެ ރައީސް ހުސައިން ވިޝާއު މުހަންމަދު ވިދާޅުވެއްޖެއެވެ.
މުބާރާތުގެ ކުޅުން މިމަހުގެ 7 ވަނަ ދުވަހު ފަށާފަވާއިރު މިމުބާރާތުގައި ޖުމްލަ 84 ކުޅުންތެރިން ވާދަކުރެއެވެ. 10 ބޯޑަށް ކުޅޭ މިމުބާރާތުގެ ބޭނުމަކީ ރާޒުވާ ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވާދަވެރި މާހައުލެއްގައި މެޗުތަކެއް ކުޅެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާއި މިމުބާރާތުގެ ސަބަބުން އާންމުކޮށް ރާޒުވާ މުބާރާތްތަކުގައި ވާދަކޮށްލުމުގެ ފުރުސަތު ލިބިފައިނުވާ ކުޅުންތެރިންނަށްވެސް އެފުރުސަތު ފަހިވެގެންދާނެކަމަށް ވިޝާއު ވިދާޅުވިއެވެ.
"އާންމުކޮށް ގައުމީ މުބާރާތް ކުޅެނީ ހަތަރު ބޯޑުގަ. މި މުބާރާތް މިކުޅެނީ ދިހަ ބޯޑުގަ. އާންމުކޮށް ކުޅެން ފުރުސަތު ނުލިބޭ ކުޅުންތެރިންނަށްވެސް މި މުބާރާތުގައި ކުޅެވޭނެ. 84 ކުޅުންތެރިން މުބާރާތުގަ އެބަ އުޅޭ" ވިޝާއު ވިދާޅުވިއެވެ.
ގައުމީ ރާޒުވާ މުބާރާތަކީ ހަތަރު ބޯޑަށް ކުޅޭ މުބާރާތެއް ނަމަވެސް އެސްޓީއޯ ބޮޑު ރިޔާ ޗެންޕިއަންޝިޕުގައި ބޭނުންކުރާނީ 10 ބޯޑުކަން ހާމަކުރައްވަމުން ވިޝާއު ވިދާޅުވީ އެ ފޯމެޓަށް މުބާރާތް ބަދަކުކުރުމުގެ ބޭނުމަކީ މުބާރާތުގެ ފޯރި ގަދަކޮށް ވާދަވެރިކަން އިތުރުކުރުންކަމަށެވެ.
"ކޮންމެ ޓީމެއްގަވެސް ދިހަ ކުޅުންތެރިން، ބާރަ ކުޅުންތެރިން އުޅޭތީ ކޮންމެ ޓީމަކަށްވެސް ގައުމީ ލެވެލްގަ މިތިބެނީ ހަތަރު ވަރަކަށް ކުޅުންތެރިން. އެހެންވީމަ މެޗުގަ ވަރަށް ބޮޑު ނަތީޖާއެއް އެބަ އާދެ އެހެން ކުޅުންތެރިންގެވެސް، މި ފޯމެޓްގަ ގެންދިޔައިމަ މިވާގޮތަކީ ފޯރި ގަދަވެ އެހެން އެންމެންނަށްވެސް އެ ޗާންސް ލިބޭ، މީގަ ކޮންމެ ބޯޑަކީވެސް ޕޮއިންޓެއް. ގައުމީ ޓީމު މޮޅު ކުޅުންތެރިޔާއަށްވެސް ހޯދޭނީ ޕޮއިންޓެއް، އެ ނޫން ޅަ ކުޅުންތެރިންވެސް ހޯދޭނީ ޕޮއިންޓެއް" ވިޝާއު ވިދާޅުވިއެވެ.
މިމުބާރާތުގައި އުމުރުން 9 އަހަރުންފެށިގެން 60 އަހަރާ ހަމައަށް ކުޅުންތެރިން ވާދަކުރަމުންދާއިރު، މިމުބާރާތުގެ ޗެންޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމެއް ލިބޭއިރު، ތިންވަނަ ޓީމަށާއި ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއާއި އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވިޝާއު މައުލޫމާތުދެއްވިއެވެ.
އެސްޓީއޯ ބޮޑު ރިޔާ ޗެންޕިއަންޝިޕުގައި ވާދަކުރާ ކްލަބްތަކަކީ ޑަބަލް އެއިޓް، ޗެކްމޭޓް، ކާސްލް ޗެސް ކްލަބް އެންޑް އެކެޑެމީ، ޒުގްޒުވަންގ ޗެސް ކްލަބް، މޯލްޑިވްސް ޗެސް ކްލަބް، ޖީނިއަސް ޗެސް ކްލަބް އަދި ޕާސްޑް ޕޯން ޗެސް ކްލަބް އެންޑެ އެކެޑެމީއެވެ.
މިމުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅޭއިރު މުބާރާތް ނިންމާ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ މިރޭ 09:15 ގައި ހުޅުމާލޭ ޗެސް އާކޭޑްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ