ދިވެހި ސިފައިންނާއި ފުލުހުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
މާމިގިލީގައި ޖުމްހޫރީ ޕާޓީއިން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ކޮންމެވެސް ވަރަކަށް ފްލެޓް އަޅާ ވާހަކަ އަބަދުވެސް އިވޭ ކަމަށާއި ނަމަވެސް އެކަން ހަގީގަތަކަށް ވާ މަންޒަރު ނުފެންނަ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ މީހަކަށް ވެސް އެމީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަންކުރާނެ ގޮތް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ މިހާރު ހުރި ބަންޑާރަކޮށީގެ އެއްބައި ހުސްކޮށްފައި އެތަން ބައިތަކަށް ބަހާލައިގެން އިމާރާތް ކުރާނެ ގޮތެއް ކަނޑައަޅައި 15 ބުރިއަށް އެތަން އިމާރާތް ކުރާނެކަމަށް ވިދާޅުވިއެވެ. އަދި އެތަނުން ކުލި ނުނަގާނެކަމަށް ވިދާޅިވިއެވެ. ހަމަ އެގޮތުން ފުލުހުންނަށްވެސް މިގޮތަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.
ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށްވެސް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަަމަށާއި ހަމަ މިގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅުއްވާ ފުލުހުންނާއި ސިފައިންނަށް އެ ބޭފުޅަކު ހުންނަވާ ރަށަކުން ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމުގައި ގާސިމް ވިދާޅުވިއެވެ.
”ސިފައިންގެ ތެރޭގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް ބޭފުޅުންނަށް އެ ބޭފުޅުން މަގާމު އަދާކުރައްވާހާ ދުވަހަކު ދައުލަތުން އެ ހިދުމަތް އެ ބޭފުޅުންނަށް ލިބޭ ގޮތަށް، ކުއްޔެއް ދެއްކުމަކާއި ނުލާ ދޭނަން. ސިފައިންނެކޭ އެއްގޮތަށް ފުލުހުންނަށް ވެސް މި ހިދުމަތް ފޯރުކޮށްދޭން ގަސްދުކުރަން،“ ގާސިމް ވިދާޅުވި އެވެ.
”އެއީ ހުޅުމާލޭގައި ވަޒީފާ އަދާކުރާނަމަ އެތަނުގައި، މާލޭގައި ނަމަ މާލޭގައި، ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ތިއްބެވި ނަމަ އެ ކަންކޮޅެއްގައި. އެކަން އެގޮތުގެ މަތިން ހަމަޖައްސައިދޭނެ ވާހަކަ އަޅުގަނޑުގެ ވެރިކަމެއްގައި،“ ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅޭ ފަނޑިޔާރުންނަށް ވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ރައްކާތެރިކަމެއް ނެތި ދިރިއުޅުއްވާ ފަނޑިޔާރުންވެސް ތިއްބަވާކަން ފާހަގަކުރައްވާ އެބޭފުޅުންގެ އާއިލާތަކަށްވެސް މަޤާމުގައި ތިއްބަވާ ހިނދަކު އެއްވެސް ކުއްޔަކާއި ނުލައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެއަރފޯސްއެއް ހަދައިދޭނެކަމަށާއި ކޯސްޓްގާޑްގެ ބަދަލްގައި ނޭވީއެއް ހަމަޖައްސާނެކަމުގައި ވިދާޅުވިއެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ