ބައިނަލްއަގުވާމީ އެއާލައިނެއްގެ ދެވަނަ ހަބަކަށް ރާއްޖެ!

ރާއްޖޭގެ އެއާޕޯޓެއް ބައިނަލްއަގުވާމީ އެއާލައިނެއްގެ ދެވަނަ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ރާވަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން ވަނީ ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކުގެ ސަބަބުން އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް، ޚާއްސަކޮށް ވަކި ރޫޓުތަކަކަށް ދަތުރުކުރާ އެއާލައިންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެވިއޭޝަން ނުވަތަ މަދަނީ އުދުހުންތަކުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި އެކި ދިމާދިމާލުން ފުރުސަތުތައް ހޯދައި، ދާއިރާ ސިންދަފާތު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ދުރުރާސްތާގެ ޕްލޭނަކީ ރާއްޖޭގެ އެއާޕޯޓެއް ބޮޑު އެއާލައިނެއްގެ ހަބަކަށް ހެދުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އެ އޮޕަޗުނިޓީސް އެބަ އޮތް، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް މިފަދަ ފުރުސަތުތައް އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، އެގޮތަށް ސެކަންޑަރީ ހަބެއްގެ ގޮތުގައި ވަރުގަަދަ އެއާލައިނެއްގެ އުފެއްދޭތޯ، އެވެސް އަޅުގަނޑުމެންގެ ލޯންގް ޓާމް ޕްލޭންގައި މަސައްކަތް ކުރަމުންދާ ކަމެއް." މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ.
މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު އަމީން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި 'ލޯ-ކޮސްޓް' ނުވަތަ އަގުހެޔޮކޮށް ދަތުރުކުރާ އެއާލައިންތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިފަދަ އެއާލައިންތައް ރާއްޖެއަށް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ އެހެން އެއާޕޯޓުތަކެކޭ އެއްފަދައިން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ދެވަނަ ހަބެއްގެ ގޮތުގައި ރާއްޖޭގެ އެއާޕޯޓެއް ހަމަޖެއްސުމަށް އެއާލައިންތައް ޝައުގުވެރިކުރުވުމަށްޓަކައި ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ރާއްޖޭގެ އެވިއޭޝަން ދާއިރާ ފުޅާކޮށް، އިޤްތިޞާދީ ގޮތުން ދާއިރާ ވަރުގަދަކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ