ގާޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ އިގްތިސާދަށް 57 ބިލިއަން ޑޮލަރުގެ ގެއްލުން

ގާޒާގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ އިގްތިސާދަށް 57 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ބޭންކް އޮފް އިޒްރޭލުން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ކުރިމަތިލުންތަކުގެ ސަބަބުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އެ ގައުމުގެ އަހަރީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) %8.6 ވަނީ ދަށަށް ގޮސްފަ އެވެ. މިއީ ގާތްގަނޑަކަށް 177 ބިލިއަން ޝެކަލް (57 ބިލިއަން ޑޮލަރު) އެވެ.
މި ގެއްލުންތަކަކީ މައިގަނޑު ގޮތެއްގައި ގާޒާގައި ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ އާއި ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅުންހުރި ގެއްލުންތަކެކެވެ.
މީގެ ތެރޭގައި އީރާނާ އެކު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ހަރަދުތަކެއް ނުހިމެނެ އެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި، މިދިޔަ އަހަރު އީރާނާ އެކު ހިނގި 12 ދުވަހުގެ ކުރިމަތިލުމުގެ ސަބަބުން އެކަނި ވެސް ޖީޑީޕީގެ %0.3 ވަނީ މަދުވެފަ އެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އާމިރު ޔާރޮން، އިގްތިސާދަށް ކުރިމަތިވެދާނެ އިތުރު ދަތިތަކާ މެދު އިންޒާރު ދެއްވަމުން ވިދާޅުވީ، ބަޖެޓް ޑެފިސިޓް އިތުރުވުމާއި އިގްތިސާދީ ކުރިއެރުން ލަފާކުރި މިންވަރަށް ވުރެ ދަށަށް ދިއުމުގެ ސަބަބުން، ގައުމުގެ ދަރަނި ހުރި މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.
ހަނގުރާމައިގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި އިތުރު 13 ބިލިއަން ޑޮލަރު ހިމެނުމަށް ސަރުކާރުން މިހާރު ވަނީ ފާސްކޮށްފަ އެވެ.
މި ރިޕޯޓުގައި ވިޔަފާރިއަށް ކޮށްފައިވާ އަސަރުތަކަށް ވެސް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބައެއް ގައުމުތަކަށް އެކްސްޕޯޓް ކުރި މިންވަރު 2024 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށް އަދި 2025 ވަނަ އަހަރު 1.5 ބިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. ބޭންކް އޮފް އިޒްރޭލުން ބުނި ގޮތުގައި، މިއީ ސިޔާސީ ނިންމުންތަކުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތަކަށް އަސަރުކުރަމުންދާ ކަމުގެ ނިޝާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ