އެމްޑީޕީއަކީ ބާވެފައި އޮތް ޕާޓީއެއް، ޕީއެންސީން 80 ޕަސެންޓުން އިންތިޚާބު ކާމިޔާބުކުރާނެ: ފަލާޙް

އިދިކޮޅު އެމްޑީޕީއަކީ ބާވެފައި އޮތް ޕާޓީއެއް ކަމަށާއި، ވެރިކަންކުރާ ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ 80 ޕަސެންޓުގެ ނަތީޖާއަކުން ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީން ކުޅުދުއްފުށި ސިޓީގައި ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، އިދިކޮޅު އެމްޑީޕީއަކީ ''ބާވެ، މުސްކުޅިވެފައިވާ" ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ޒުވާން ލީޑަރެއްގެ އިތުރުން ޒުވާން ސިޔާސަތެއް ވެސް ނެތްކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އެ ޕާޓީން ގެންގުޅެނީ 2008 އިން ފެށިގެން ''ވިއްކަން ގެންގުޅުނު'' ސިޔާސަތުތައް ކަމަށާއި، އެއީ މިހާރު ބާޒާރުގައި ނުވިކޭ އެއްޗެއް ކަމަށް ސިފަކުރައްވައިފައެވެ. އެހެންކަމުން އެމްޑީޕީން ޒުވާނުންނަށް ފުރުސަތުދޭން ޖެހޭކަމަށާއި ނިމިދިޔަ އަހަރުވެސް ފިނޭސް މިނިސްޓްރީން ދެވަނައަށް އެންމެ ގިނަ ރުފިޔާ ދޫކުރި ޕާޓީއަކަށް އެމްޑީޕީ ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަލާހު ވަނީ، ދައުލަތުން އެ ޕާޓީއަށް ނުވަ މިލިއަން ނުވަތަ 10 މިލިއަން ރުފިޔާ ދޭއިރު އެ ފައިސާއިން ކުރާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފައެވެ. އޭނާ ވަނީ ޕާޓީގެ ''އިސްސަފުގައި ތިބި ދެތިން މީހަކު ދޮޅުލައްކައިން މުސާރަ ނަގައި، އެ ފައިސާކޮޅު ހުސްކުރަމުން'' ދާކަމަށް ތުހުމަތުކުރައްވައިފައެވެ. އެ ޕާޓީގެ އާންމު މެންބަރުން މިއަދުވެސް ކައުންސިލް އިންތިޚާބަށް ކުރިމަތިލެއްވީ އެ ބޭފުޅުން އަމިއްލަފުޅަށް 1500 ރުފިޔާ އީސީއަށް ދައްކައިގެންނޭ އަޅުގަނޑު އަޑުއެހިން. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ޕީއެންސީއިން ކުޅިދުއްފުށި ސިޓީގައި ކެމްޕެއިން އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ޕީއެންސީ ފަލާހު ވިދާޅުވީ ޕީއެންސީއަކީ އެފަދަ ގޮތަކަށް އަމަލުކުރާނޭ ޕާޓީއެއް ނޫން ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ދޭ ފައިސާ އެ ޕާޓީން ބޭނުންކުރަނީ ޕާޓީގެ މެމްބަރުންނަށް ކެމްޕެއިން ޖަގަހަތަކާއި ސިޔާސީ ހަރަކާތްތައް ބޭއްވުމަށް ކަމަށެވެ. އޭނާ ވަނީ ޕީއެންސީއަކީ ސަޅި ޕާޓީއެއް ކަމަށް ވިދާޅުވެ، އެއީ ވަރުގަދަ ލީޑަރެއް ހުންނެވި ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ފަލާހު ވިދާޅުވީ، ޕީއެންސީން ވަރަށް ފަސޭހަކަމާއެކު، 80 ޕަސެންޓަށް ވުރެ މަތިން ނަތީޖާ ހޯދައިގެން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. ފަލާހު ވަނީ ވޭތުވެދިޔަ ކައުންސިލް އިންތިޚާބުތަކުގައި މިހާތަނަށް ކުޅުދުއްފުށި ސިޓީން އެމްޑީޕީ ނޫން ބަޔަކަށް މެޖޯރެޓީ ލިބިފައިނުވާކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން ނިމިދިޔަ 17 ވަރަކަށް އަހަރު ދުވަހު އެމްޑީޕީގެ ކައުންސިލްތައް ޓެސްޓުކުރެވިއްޖެ ކަމަށާއި، މިފަހަރު ޕީއެންސީގެ ޓީމު ކައުންސިލަށް ނަގައިދީ އެ މެންބަރުން ޓެސްޓު ކޮށްލުމަށް އެދިވަޑައިގެންފައެވެ. "ކެނޑިޑޭޓުންނާއި ބައްދަލުކޮށް އަޅުގަނޑުމެން އަހާލިން ކޮބާތޯއޭ ކެމްޕެއިނުގައި ތިބޭފުޅުން މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ. ކޮންމެ ބޭފުޅަކު އައީ ފޮތެއް ހިއްޕަވައިގެން، އަޅުގަނޑުވެސް އިނީ ހައިރާންވެފަ. ކޮންމެ ބޭފުޅަކާ ސުވާލުކޮށްލީމަ އެ ވިދާޅުވަނީ މިހާ ހިސާބަށް އިންތިޚާބުގައި ކުރެވުނު މަސައްކަތް، ބައްދަލުކުރެއްވި ބޭފުޅުންގެ އަދަދު. ޕަސެންޓޭޖުން ތަފުސީލުކޮށް ވިދާޅުވި. އަޅުގަނޑު ދެންނެވިން ތި ތިއްބެވީ ﷲގެ ރަޙްމަތްފުޅުން ހޮވިފައޭ މިހާރު." ފަލާހު ވިދާޅުވިއެވެ. އޭނާ ވަނީ ކައުންސިލަށް ޕީއެންސީގެ ކެނޑިޑޭޓުން ނަގައިފިނަމަ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާނެކަން ސާފުވާ ކަމަށް ވިދާޅުވެފައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރެއްގައެވެ. ރާއްޖޭގައި މިހާރު އެންމެ މެންބަރުން ގިނަ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީ ކަމަށްވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެސް އެ ޕާޓީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ