ޕީއެންސީން ކައުންސިލްތައް ކާމިޔާބުކުރާނީ 80 ޕަސެންޓަށް ވުރެ މަތިން: ފަލާހު
އިދިކޮޅު އެމްޑީޕީގެ "ބާވެ، މުސްކުޅިވެފައިވާ" ސިޔާސަތުތައް ރައްޔިތުން ބަލައިނުގަންނަ ކަމަށާއި ވެރިކަންކުރާ ޕީއެންސީ ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ %80އަށް ވުރެ މަތިން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެއްޖެ އެވެ.އޭނާ އެހެން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން އެ ސިޓީގައި ބޭއްވި ޖަލްސާގަ އެވެ. ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހަށް އިއްވަވައި ދެއްވި މި އަހަރުގެ ރިޔާސީ ބަޔާން އަޑު އަހައިލުމުން، ރާއްޖޭގެ ތަރައްގީގެ ޕްލޭން ކުރައްސަވާފައިވާ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެ ކަަމަށެވެ. "ކޮންމެ ކަމެއް ކޮންމެ މަޝްރޫއެއް ކޮންމެ ދާއިރާއެއް ވަރަށް ތަފުސީލްކޮށް ކޮންމެ ރައްޔިތަކަށް އެނގޭނެ ގޮތަށް ބަޔާން ކޮށްދެއްވީ. ކުޑަކުޑަ މިންވަރަކަށް ބަޔާން ކުރައްވާފައި ދޫކޮށްލެއްވީއެއް ނޫން،" ފަލާހު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ، އާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށި ފަހުން ކުޅުއްފުށި ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ ނޫން ބަޔަކަށް ދީފައި ނުވާ ކަމަށާއި މިއީ އެ ވިސްނުން ބަދަލުކުރަންވީ ފަހަރު ކަމަށެވެ."އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މާތްﷲގެ ވާގިފުޅާއި ރަހުމަތާ އެކު ކާމިޔާބުކުރާނީ ވަރަށް ފަސޭހަކޮށް %80އަށް ވުރެ މަތިން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ