އައްޑޫގައި ވިޔަފާރިތަކަށް ޓެކްސް ލުއިކުރުން: ނިޒާރު ވިދާޅުވީ އައްޑޫ މަރުވާން ދޫކޮށްލަނީ ކަމަށް
ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިންވެސްޓްމެންޓަށް ހުޅުވައިލާއިރު، ވިޔަފާރިތަކުން އާންމުކޮށް ދައްކާ ބައެއް ޓެކްސްތައް ނުދައްކާ ގޮތަށް ހަމަޖައްސައިގެން، ސަރުކާރުން އުޅެނީ އައްޑޫ ސިޓީ 'މަރުވާން ދޫކޮށްލަން' ކަމަށް އެ ސިޓީ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތު ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު އިންވެސްޓްމަންޓްތަކަށް ހުޅުވައިލާނެ ކަމަށެވެ. އެގޮތުން، ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖައްސައި، އެހެނިހެން އިންސެންޓިވްތައް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެފަދަ ފުރަތަމަ ސަރަހައްދަކަށް ކަނޑައަޅަނީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން ހުޅުދުއާއި މީދޫ ހިމެނޭ ގޮތަށް، އަންނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހަށް އައްޑޫ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފައިވާކަން އެ މަނިކުފާނު އިއުލާންކުރެއްވިއެވެ. https://sun.mv/217595 އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އައްޑޫ ސިޓީގެ އެމްޑީޕީ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ނިޒާރު ވަނީ، އައްޑޫ ޓެކްސް ފްރީ ޒޯނަކަށް ހެދުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކައަކީ، ރިޔާސީ ބަޔާނުގައި ދެއްކެވި އެންމެ ނުރައްކާތެރި ވާހަކައިގެ ގޮތުގައި ސިފަކުރައްވައިފައެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ އާމްދަނީ ހިފަހައްޓަނީ ބިމު ކުއްޔަށް ލިބޭ ފައިސާއިން ކަމަށެވެ. އައްޑޫ ސިޓީގެ އެމްޑީޕީ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާ: ނިޒާރު ވަނީ ސަރުކާރުން އައްޑޫ މަރުވާން ދޫކޮށްލަނީ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެމްޑީޕީ "ސަރުކާރުން ދޭ 90 ވަރަކަށް މިލިއަން ރުފިޔާއިން އައްޑޫ ސިޓީ 465 މުވައްޒަފަކަށް މުސާރަ ދީ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަރަންޓު ބިލާއި އެހެނިހެން ޔުޓިލިޓީސްއަށް އަޅުގަނޑުމެން ޕޭ ކުރުމަށް ފަހު އަޅުގަނޑުމެން ކައުންސިލުގައި ދެން ބާކީ ހުންނަ އެއްޗަކީ ބިމުގެ ކުއްޔަށް ލިބޭ ފައިސާއާއި އަދި މިހާރު ވެހިކަލް ފީން ލިބޭ ފައިސާ،" ނިޒާރު ވިދާޅުވިއެވެ. "އެ ލާރިކޮޅު ވެސް ނުދީ މި އައްޑޫ ސިޓީ އެއްކޮށް މަރުވާން ދޫކޮށްލަން އެ ނިންމަނީ." އޭނާ ވިދާޅުވީ އައްޑޫގައި މިހާރު އޮތް ކައުންސިލުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރި އެންމެ މުހިންމު ކަމަކީ އެ ސިޓީގައި މިނިވަން އިގުތިސާދެއް ބިނާކުރަން މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ކައުންސިލަށް ލިބެން ހުރި ހުރިހާ ހުނަރަކާއި ވަސީލަތެއް ބޭނުންކޮށްގެން އެކަން ކުރުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކައުންސިލުން ފަތުރުވެރިކަމަށް ބިންތައް ދޫކޮށްފައިވާއިރު، އޭގެ ނަތީޖާއަކީ މި ވަގުތު ވެސް އައްޑޫގައި، 750 ކޮޓަރީގެ މަސައްކަތް ކުރަމުން ދިޔުން ކަމަށް ނިޒާރު ވިދާޅުވިއެވެ. "ސާދަ ސަތޭކަ، ފަނަރަ ސަތޭކަ އެނދުގެ މަސައްކަތް އައްޑޫ ސިޓީގައި އެބަ ހިނގާ ސަރުކާރުގެ އެއްވެސް ހިއްސާއެއް ނެތި، މިދިޔަ ސަރުކާރުގެ ސިޔާސަތާ އެލައިން ވެގެން އަޅުގަނޑުމެން ކުރި މަސައްކަތުން ގެނެވުނު ތަރައްގީ އެއީ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ އޮފީހެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުން ފަދަ ފިޔަވަޅުތަކާއެކު ޚަރަދު ކުޑަ ކުރަން ވެސް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ