ސާދަ އަހަރުގެ ދާހިލީ ހަނގުރާމައަކަށް ފަހު އަލުން އާރާސްތު ކުރަމުން އަންނަ ސީރިއާގައި، އޭވިއޭޝަން، ހަކަތަ، ރިއަލް އެސްޓޭޓް އަދި ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ހިމެނޭ ބޮޑު އިންވެސްޓްމަންޓް ޕެކޭޖެއްގައި ސައުދީ އަރަބިއްޔާ އިން ސޮއިކޮށްފި އެވެ.
ސީރިއަން އިންވެސްޓްމަންޓް އޮތޯރިޓީގެ ވެރިޔާ ތަލާލް އަލް ހިލާލީ ވަނީ އެ އެއްބަސްވުންތައް އިއްޔެ އިއުލާން ކުރައްވައިފަ އެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ހަލަބްގައި އާ އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމާއި ސީރިއާ-ސައޫދީ އެއާލައިނެއް އިފުތިތާހު ކުރުމާއި ސިލްކްލިންކްގެ ނަމުގައި ޓެލެކޮމިއުނިކޭޝަން މަޝްރޫއުއެއް ހިންގުން ހިމެނެ އެވެ.
ސައޫދީއަކީ، ޑިސެމްބަރު 2024ގައި ސީރިޔާގެ ވެރިކަން ވައްޓާލުމަށް ފަހު، ވެރިކަމަށް ވަޑައިގެންނެވި ސީރިއާގެ އާ ލީޑަރުންނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. މިއީ އެމެރިކާ އިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ ޑިސެމްބަރު މަހު އުވާލި ފަހުން އެ ގައުމުގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.
ސައޫދީ އިންވެސްޓްމަންޓް މިނިސްޓަރު ހާލިދު އަލް ފާލިހް ވިދާޅުވީ ސައޫދީގެ އަމިއްލަ އިންވެސްޓަރުންގެ ބައިވެރިވުމާ އެކު ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް އަލަށް ތައާރަފްކުރި އީލާފް ފަންޑުން ސީރިއާގެ އަލެޕޯގައި ދެ އެއާޕޯޓް ތަރައްގީ ކުރުމަށް 2 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ.
ސީރިއާގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު އަބްދުއްސަލާމް ހައިކަލް ވިދާޅުވީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއަށް 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޭޝިއާ އާއި ޔޫރަޕާ ދެމެދު ގުޅުންތައް ގާއިމް ކުރުމަށް އެތައް ހާސް ކިލޯމީޓަރެއްގެ ކޭބަލް އެޅުމަށް ވެސް ވަނީ ރާވައިފަ އެވެ.
ސައުދީގެ ބަޖެޓް އެއާލައިން، ފްލައިނާސް އާއި ސީރިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީރިއާ)އާ ދެމެދު އެއާލައިނެއް އުފެއްދުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެއާލައިންގެ %51 ހިއްސާ އޮންނަނީ ސީރިއާގެ ކުންފުންޏަކަށެވެ. އެ އެއާލައިން މި އަހަރުގެ ފަހު ކުއާޓަރުގައި ހިދުމަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ސީރިއާގައި އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކެއް ހަދަން ސައުދީއާ އެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ