ވެމްކޯ މުވައްޒަފުގެ މަރު: ލަންކާ ޑްރައިވަރު ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު، މަސައްކަތްކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް
މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކެވޭޓަރު ޑްރައިވަރު މަސައްކަތްކުރަނީ ގަވައިދާ ޚިލާފަށް ކަމަށް، ފުލުހުން މިއަދު ކޯޓުގައި ބުނެފިއެވެ. ޖަނަވަރީ މަހުގެ 26ވަނަ ދުވަހު ގެއްލުނު ބިިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަނިކޮށް، މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުން އެ މަހުގެ 28ވަނަ ދުވަހެވެ. މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 24 އަހަރުގެ އަމީން މިއާ ނަމަކަށް ކިޔާ މީހެކެވެ. https://www.sun.mv/217461 މި މައްސަލައިގެ އިތުރު ތަފްސީލް "ސަން"އާ ހިއްސާކުރަމުން ފުލުހުން އޭރު ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި މީހާ ކަމަށްވާ، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަދުރަންގަ ޑިސަނަޔަކަ މެނިކަ ހައްޔަރުކޮށް، ވަނީ ބަންދުކޮށްފައެވެ. މިއަދު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. މަދުރަންގަ ޑިސަނަޔަކަ މެނިކައިގެ ބަންދު ދަމަހައްޓަން ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާ ދުއްވި އެކްސްކެވޭޓަރުން ޖެހި އަމިން މިއާ ނިޔާވި މައްސަލައިގައެވެ. އެ މައްސަލައިގައި ހެކިވެރިއަކު ދިން ބަޔާނަކާ ހަވާލާދީ ބަންދު އަމުރުގައި ވަނީ، މަދުރަންގަ ޑިސަނަޔަކަ މެނިކަ ފިލައިގެން ދާން މަސައްކަތްކުރި ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މަސައްކަތްކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް ކަމަށް، މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ކޯޓުގައި ވިދާޅުވި ކަމަށްވެސް އަމުރުގައިވެއެވެ. މައްސަލަ ބައްލަވާ ގާޟީ ޢާއިޝަތު ނުޒުހާ ނިންމެވީ މަދުރަންގަ ޑިސަނަޔަކަ މެނިކަ އިތުރު ދިހަ ދުވަހަށް ބަންދުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ