ހއ. އިހަވަންދޫގައި ކުރިއަށްގެންދާ "އިހަވަން ބާޒާރު 2026" އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހއ.އިހަވަންދޫ ކައުންސިލްގެ ނައިބުރައީސް މުހައްމަދު އަރީބް ވިދާޅުވީ މި ބާޒާރަކީ، ރަށުގެ އިގްތިސާދު ކުރިއަރުވައި، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ވިޔަފާރިތަކަށާއި، އާއްމު ފަރުދުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ ބާޒާރެއްކަމަށެވެ.
މީގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންގެ އިތުރުންވެސް ކާބޯތަކެތީގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އާމްދަނީ ހޯދައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ބާޒާރު ބޭއްވުމުގެ މުހިންމު އެއް ބޭނުންކަމަށް އަރީބް ވިދާޅުވިއެވެ.
އިހަވަން ބާޒާރުގެ ތެރެއިން-- ފޮޓޯ/މަސްވެރި އިހަވަންދޫ
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރުގައި، ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަކެތި ވިއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު އަތޮޅުގެ ރަށަކަށް ހުޅުވާލާފައިވާއިރު، އިހަވަންދޫގެ އިތުރުން ކައިރި ރަށްރަށުގެ ގިނަ އަދަދެއްގެ މީހުން ބާޒާރުގައި ބައިވެރިވާކަމަށް އަރީބް ވިދާޅުވިއެވެ.
މި ބާޒާރުގެ ތެރެއިން ހުރިހާ ވައްތަރެއްގެ ސާމާނު ލިބެންހުންނާނެ. ގޭތެރޭގައި ބޭނުންކުރާ ސާމާނާއި، ތެލިތަށީގެ އިތުރުން އަތްތެރި މަސައްކަތްތަކާއި، އަންނައުނުވެސް ހިމެނޭ. އިހަވަންދޫއަކީ މަސްވެރިކަމަށް ހާއްސަ ރަށެއްކަމުން މި ބާޒާރުގައި ރިހާކުރު، ހެދިކާއާއި އަދި މިނޫންވެސް އެކި ކަހަލަ ކާބޯތަކެތިވެސް ލިބެން ހުންނާނެ
މުހައްމަދު އަރީބް/ އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް
އިހަވަންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މި ބާޒާރުގައި، އިއްޔެ އެކަނިވެސް 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން ހދ އަތޮޅުން ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ނެއްލައިދޫ، ކުމުންދޫ، ނާވައިދޫ، ހިރިމަރަދޫ އަދި ހއ އަތޮޅުން ހޯރަފުށި، ތަކަންދޫ، ފިއްލަދޫ، މާރަންދޫ، މޮޅަދޫ، އުލިގަން، ތުރާކުނު، ކެލާ، ދިއްދޫ އަދި މުރައިދޫގެ ރައްޔިތުން މި ބާޒާރަށް ޒިޔާރަތް ކޮށްފައިވެއެވެ. މި ބާޒާރަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ހދ ކުޅުދުއްފުށިންނެވެ.
އިހަވަން ބާޒާރަށް މީހުން ޒިޔާރަތްކުރަނީ-- ފޮޓޯ/މަސްވެރި އިހަވަންދޫ
'އިހަވަން ބާޒާރު 2026' އަކީ ކޮންމެ އަހަރަކުވެސް އާއްމުންގެ ތަރުހީބު އިންތިހާއަށް ލިބޭ ބާޒާރެކެވެ. ނަމަވެސް މިއަހަރުގެ ބާޒާރަށް މިދިޔަ އަހަރަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނޭކަމަށް ބެލެވޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
"އިހަވަން ބާޒާރު 2026" އިހަވަންދޫއަށް ވިޔަފާރީގެ އީދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ