ގްރީން ސްޓްރީޓްސްއާ މެދު އެފްއޭއެމްގެ ނިންމުން ބަލައިނުގަނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް ގްރީން ސްޓްރީޓްސްއާ މެދު އެފްއޭއެމްގެ ނިންމުން ބަލައިނުގަނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީން ކްލަބް ގްރީން ސްޓްރީޓްސް އަށް އަދަބުދޭން ނިންމި ނިންމުން ބަލަައިނުގަންނަ ކަމަށާއި މިކަން އޭއެފްސީ އާއި ފީފާ އަށް ހުށަހަޅާފައިވާ ކަމަށް ކްލަބް ވެލެންސިއާ އިން ބުނެފި އެވެ.
ކްލަބް ގްރީން ސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ހާޒިރުނުވި މައްސަލައިގައި އެ ޓީމު 50،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަންގައި، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ގްރީން ސްޓްރީޓްސް އަށް ދޭން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމީޓީން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ.
މީޑިއާތަކަށް އެފްއޭއެމް އިން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، ދިވެހި ޕްރިމިއާ ލީގު 25/26 ގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގްރީން ސްޓްރީޓްސް 50،000 ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ 15 ދުވަސް ތެރޭ ދައްކަން އަންގާފައިވާ ކަމަށެވެ. އަދި، އެފްއޭއެމް ޑިސިޕްލިނަރީ ކޯޓުގެ ނުވަ ވަނަ މާއްދާގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފާ މާކެޓެއްގައި ގްރީން ސްޓްރީޓްސް އަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިނުވެވޭ ގޮތަށް އަދަބު ދިނުމަށް ފަހު، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެންމެ ހަރުކަށި ފިޔަަވަޅެއް އަޅާނެ ކަމަށް އެފްއޭއެމް އިން ވަނީ ގްރީން ސްޓްރީޓްސް އަށް އަންގައިފަ އެވެ.
މީގެ އިތުރުން، މި މައްސަލައާ މެދު ހިތްހަމަނުޖެހުމެއް އޮތްނަމަ، އެޕީލްކުރަން ގްރީން ސްޓްރީޓްސް އަށް ހަތް ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.
ވެލެންސިއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްއޭއެމް ޑިސިޕްލިނަރީ ކޮމީޓީގެ ނިންމުން އެ ކްލަބުން ގަބޫލުނުކުރާ ކަމަށެވެ. އަދި، އޭގެ މައިގަނޑު ހަތަރު ސަބަބެއް އެ ކްލަބުން ފާހަގަކޮށްފައިވެ އެވެ.
- މެޗެއް ނުކުޅެ ނަތީޖާ ކަނޑަ އެޅުމާއި މެޗެއް ނުކުޅެ ނަތީޖާ ކަނޑައެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއްކަން ފާހަގަކޮށް ވެލެންސިއާ އިން ބުނީ ގްރީން ސްޓްރީޓްސް އިން މެޗު ގަސްތުގައި ދޫކޮށްލި މައްސަލަ ނިންމުމުގެ ގޮތުން ކްލަބް ގްރީން ސްޓްރީޓްސް ޖޫރިމަނާ ކުރުމުގެ އިތުރުން އެ ކުލަބަށް ޓްރާންސްފާ ބޭންއެއް ދިނުމުން އެނގެނީ ގަސްތުގައި މެޗެއް ދޫކޮށްލައިގެން މެޗު ފިކްސިން ފަދަ ފުޓްބޯޅައިގައި ބޮޑެތި އަދަބުތައްދޭ ފަދަ ބޮޑު ކުށެއް ގްރީން ސްޓްރީޓްސް އިން ކޮށްފައިވާކަން އެފްއޭއެމުން ގަބޫލުކުރާ ކަމަށް ކަމުގައި ވެލެންސިއާ އިން ދެކޭ ކަމަށް.
- މި ފަދަ ބޮޑު މައްސަލައެއްގައި ޓްރާންސްފާ ބޭން އެއް ދީފައިވަނީ ހަމަޖެހޭ އުސޫލަކުން ނޫން ކަމަށް ވެލެންސިއާ އިން ވަނީ ބުނެފައި، އެކަމަކު، ސަބަބަކީ ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑް އޮތީ މެއި ނުވަތަ ޖޫން މަހު ކަމަށްވާއިރު، މިހާރު ތިބި ހުރިހާ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ގްރީން ސްޓްރީޓްސް އަށް އޮތް ކަމަށް ވެލެންސިއާ އިން ބުނެފައިވޭ.
- ޖޫރިމަނާ ކުރުމާއި ޓްރާންސްފާ ބޭން އަކީ ފުޓްބޯޅައިގެ ކޮންމެ ދުވަހަކު އާއްމުކޮށް ހިނގާ ކަންކަމުގައި ދެމުން ގެންދާ ފަދަ ދަރަޖަ ދަށް އަދަބުތަކެއް ކަމަށް ބުނެ ވެލެންސިއާ އިން ވަނީ ރީނދޫ ކާޑު ނުވަތަ ރަތް ކާޑު ހޯދުމުން ދެނީ ޖޫރިމަނާއެއް ކަމަށް ބުނެފައި، އަދި، މި ކަން ދިވެހި ޕްރިމިއާ ލީގު ގަވާއިދުގައި ވެސް ބުނެފައިވާއިރު، ކުޅުންތެރިއަކަށް މުސާރަ ނުދީފިނަމަ ނުވަތަ ދިނުން ލަސްވެއްޖެ ނަމަވެސް ފީފާ އިން ވެސް އެ ކުލަބަކާ މެދު އަޅަނީ ޓްރާންސްފާ ބޭން ކުރުން ފަދަ އަދަބެއް ކަމަށް ވެލެންސިއާ އިން ފާހަގަކޮށްފައިވޭ
- މި މައްސަލަ ހުށަހެޅީ ކްލަބް ވެލެންސިއާގެ ހައްގުތަކެއް ގެއްލިގެން ކަމަށް ކަމަށްވާއިރު މައްސަލަ ނިންމުމުގައި ވެލެންސިއާ އިން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި އަދި، މި މައްސަލަ ހުށަހެޅި ވެލެންސިއާ އިސްތިއުނާފުކުރަން ވެސް ފުރުސަތު ދީފައިނުވާ ކަަމަށް
މި ސަބަބުތަކާ ހުރެ، ވެލެންސިއާ އިން ބުނެފައިވަނީ، މިއީ މެޗު ފިކްސް ކުރުމުގެ ކަންކަން ހުރި ކަމެއްގައި ދޭ ފަދަ އަބަދުތައް ކަމަށްވާ ޕޮއިންޓް އުނިކުރުން ނުވަތަ ރެލިގޭޓް ކުރަން ފަދަ ފިޔަވަޅެއް ގްރީން ސްޓްރީޓްސް އަށް ނޭޅުމުގެ މަގްސަދުގައި ގަސްތުގައި ފުޓްބޯޅަ އަށްވުރެ އެހެން ކަންކަން އިސްކޮށް، ބާރުގަދަ އަތްތަކަކަކަށް ދީދާލުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"މި މައްސަލަ މި ކުލަބުން ފީފާ އަދި އޭއެފްސީއާ ވެސް ވާނީ ހިއްސާކޮށްފަ އެވެ،" ވެލެންސިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.
ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި، ކުޅުނު ފަހު މެޗުން، 2-0 އިން އީގަލްސް ބަލިކުރި އެވެ. ވެލެންސިއާ އަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި ނިއު އިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. އެއީ، ވެލެންސިއާ އަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. ގްރީން ސްޓްރީޓްސް އިން ފަހު މެޗަށް ހާޒިރުނުވުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނިއު އަށް މެޗު ލިބުނީ 2-0 އިންނެވެ. މާނަ އަކީ، ވެެލެންސިއާ ރެލިގޭޓްވުމެވެ.
ގްރީން ސްޓްރީޓްސް އިން ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ގެއްލުން ވެލެންސިއާ އަށް ކުރިމަތިވެފައިވާއިރު، މީގެ ކުރިން، ލީގުގެ މެޗަކަށް ހާޒިރުނުވާ ޓީމުތަކަށް ގަވާއިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ 25،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ. އެކަމަކު، މި ފަހަރު ގްރީން ސްޓްރީޓްސް 50،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސް އިން އެ ޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި، މިއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، މިއީ އިއްޔެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އަދި، އެ ކަން ވެލެންސިއާ އިން ފީފާ/އޭއެފްސީ އަށް ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.
ވެލެންސިއާ އިން އެފްއޭއެމަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި، އެފްއޭއެމް އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކްލަބަށް އަންގާފައިވާ ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އަދި، މިއަދުގެ ނިންމުމާ އެކު، ވެލެންސިއާ މި ވަނީ ރެލިގޭޓްވެފަ އެވެ.
ގްރީން ސްޓްރީޓްސް އިން އަންނަނީ 2017 ވަނަ އަހަރު ޕްރޮމޯޓްވި ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.
ވެލެންސިއާ ރެލިގޭޓްވުމާ އެކު، މިއީ، އަށް ވަރަކަށް އަހަރު ތެރޭ އެ ޓީމު ރެލިގޭޓްވެ، ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ދެ ވަނަ ފަހަރެެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ވެސް އެ ޓީމު ރެލިގޭޓްވެފައިވާއިރު، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، 2020 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ