މީގެ 14 އަހަރު ކުރިން އަޅުގަނޑު، އޭރާ ހަމައަށް ކުރިމަތިލި އެންމެ ބޮޑު މަސައްކަތުގެ ތެރެއަށް ވަނީމެވެ: ފެބްރުއަރީ 7 ހާދިސާއާ ބެހޭ ފޮތެއް ލިއުމެވެ.
އެއީ 7 ފެބްރުއަރީ 2012ގެ ހަމަނުޖެހުންގަނޑު ތެރޭގައި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ފަހެވެ. އެ ހަމަނުޖެހުގެ ބައިވެރިންނަކީ ސަރުކާރާއި ސަރުކާރާ އިދިކޮޅު ހަރަކާތްތެރިންނާއި އެމްޑީޕީގެ ސަޕޯޓަރުންގެ އިތުރުން ފުލުހުންނާއި ސިފައިންނެވެ.
ސަރުކާރު ނުވަތަ ރައީސް ނަޝީދުގެ ބައިވެރިވުން އޮތީ، މުޅި ހާދިސާގެ ފެށުން ކަމަށް ވި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ސިފައިން ލައްވާ ހައްޔަރުކުރުމެވެ.
އިދިކޮޅު ހަރަކާތްތެރިންގެ ބައިވެރިވުން އަންނަނީ، އެ ހައްޔަރުކުރުމާ އެކު، ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކެވެ.
ވެރިކަމުގައި އޮތް އެމްޑީޕީގެ ސަޕޯޓަރުން އެ ހާދިސާގެ ތެރެއަށް ވަންނަނީ އިދިކޮޅު މުޒާހަރާއަށް ހުރަސްއަޅަން ނުކުތް ނުކުތުމުންނެވެ.
ފުލުހުންނާއި ސިފައިންގެ ބައިވެރިވުން ފެށެނީ، 6 ފެބްރުއަރީ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އޮތް އިދިކޮޅު އެއްވުމާއި އެމްޑީޕީގެ ހަރަކާތްތެރިންގެ އެއްވުން ހަމަނުޖެހުމަކަށް ފުރޮޅިގެން ދިޔަ ވަގުތު ކަންކަން ކުރި ގޮތުންނެވެ. ދެބައި މީހުން ތަޅަން ދޫކޮށް ފުލުހުން އެ ހިސާބުން ގެންދަން، ފުލުހުންގެ އިސް ވެރިން އަމުރުކުރި އެވެ. ފުލުހުން އެތަނުން ދާނީ ސިފައިން އައިމާ ކަމަށް ކުރި ޑިމާންޑާ އެކު ސިފައިން އެ ސަރަހައްދަށް ދިޔަ އެވެ. އެކަމަކު ތަޅާފޮޅުން ހުއްޓުވަން އެއްވެސް ކަމެއް ނުކޮށް، ކުއްލިއަކަށް އެތަން ދޫކޮށް އެނބުރި ދާން ސިފައިންގެ ވެރިން އެންގި އެވެ.
އާޓިފިޝަލް ބީޗު ދޫކޮށް ޖުމްހޫރީ މައިދާނަށް، ފުލުހުންގެ އިދާރާ ކައިރިއަށް، ޖަމާވި ފުލުހުންނަށް އެނގުނީ ދެބައި މީހުން ތަޅައިގެންފި ކަމެވެ. އަދި އެކަން ހުއްޓުވަން ސިފައިން ނޫޅޭކަމެވެ. ފުލުހުންގެ އިސް ވެރިންގެ އަމުރު ބޮލާލައިޖަހައި، ދުއްވައިގަތީ އެ ދިމާލަށެވެ. އާންމުންގެ ތަޅާފޮޅުން ހަމަޔަކަށް އެޅުވުމުގެ އިތުރުން އެމްޑީޕީގެ ހަރަކާތްތެރިންގެ ފަހަތުން ދުވެ، ތަޅާ ހެދި އެވެ. އެމްޑީޕީގެ ހަރުގެ ފުނޑާލި އެވެ.
އޭގެ ފަހުން ޖުމްހޫރީ މައިދާނަށް އެއްވެ، ވެރިންނާ ދެކޮޅުހެދީ އެވެ. ފުލުހުންގެ އިސް ބައެއް ވެރިންގެ އިސްތިއުފާއަށް ޑިމާންޑްކުރީ އެވެ. ދެން އައީ ފުލުހުންނާއި ސިފައިންގެ ކުރިމަތިލުމެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގެ އެންމެ ފަހު އަދި އެންމެ ބިރުވެރި ހަމަނުޖެހުން ހިނގީ، ސިފައިންނާއި ފުލުހުންނާ ދެމެދުގަ އެވެ. ޖުމްހޫރީ މައިދާނުގަ އެވެ. އެ ތަޅާފޮޅުމުގެ ތެރޭގައި ފެނުނީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ބޯ ކަރުނަގޭހުގެ 'ވިލާގަނޑެ'ވެ. ފުލުހުންނާއި، އެތަނުގައި ތިބި އާންމުންނާ ދިމާއަށް ސިފައިން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ރަބަރު އުންޑަ ވެސް ބޭނުންކުރި އެވެ.
އެ ދުވަހުގެ އެ ހަމަނުޖެހުންގަނޑުގެ ފަހަތުގައި އޮތީ ސިޔާސީ ބައިބައިވުމެވެ. ރައީސް ނަޝީދުގެ ސަރުކާރެވެ. އެ ސަރުކާރާ އިދިކޮޅު ޕާޓީތަކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމަށް ފަހު އައި އާ ސަރުކާރަށް ހިންދެމިލާނެ ފުރުސަތު ނުލިބުމެވެ. ސިޔާސީ ގޯސް ފިޔަވަޅުތަކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ދޫނުދިނުމެވެ.
އާނއެކެވެ. އާ ޑިމޮކްރަސީއާ އެކު ގައުމުގައި އޮތީ ދެކޮޅުވެރިވުމެވެ.
އެ ދުވަހުގެ ހާދިސާއާ ބެހޭ ފޮތް އަޅުގަނޑު ލިއުނީ، އޭރުގެ ނޫސް 'ހަވީރު'ގެ އެޑިޓަރަކަށް ހުރެ، އެ ހުރިހާ ކަމެއް ތަޖުރިބާކޮށް، އެހާމެ ތާޒާކަމާ އެކުގަ އެވެ. އެތައް ބައެއްގެ އިންޓަވިއުތަކެވެ. ތާރީހުގެ ފިލާވަޅުތައް ވެސް މެ އެވެ.
'ފެބްރުއަރީ ހަތެއް' ޗާޕުކޮށްގެން ނެރުނީ މޭ 2012ގަ އެވެ. އޭގެ 14 އަހަރު ފަހުން އެ ފޮތް އޮންލައިންކޮށް ކިޔޭ ގޮތަށް އިއްޔެ 'ދިވެހި ފޮތް' އެޕްގައި ޝާއިއުކުރީމެވެ.
ތިރީގައި އެވަނީ އަޅުގަނޑަށް އެ ފޮތުން ފާހަގަކޮށްލެވުނު ބައެއް ތަންތަންކޮޅުގެ ހުލާސާއެކެވެ. މިއީ އެ ދުވަހުގެ މައުލޫމާތު ނެތް މިހާރުގެ ޒުވާނުންނަށް އާ ތަޖުރިބާއަކަށް ވާނެ މަސައްކަތެއް ކަމަށް ގަބޫލުކުރެވެ އެވެ. ފޮތް އެއްކޮށް ކިޔަން ބޭނުން ނަމަ މި ލިންކުން އެ ފުރުސަތު ލިބޭނެ އެވެ.
ސަފުހާ 50
"މަގުމަތިން ސަރުކާރެއް ނުވެއްޓޭނެ" މިއީ ރައީސް ނަޝީދު ވިދާޅުވި އެެއް ވާހަކަފުޅެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރީއްސުރެ ކުރިއަށް ދިޔަ މުޒާހަރާތަކުގައި އިއްވަމުން އައި އަޑު އެމަނިކުފާނު އައްސަވަން ބޭނުންފުޅު ނޫންކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވި އެވެ. މައިގަނޑު އެއް ވާހަކައަކީ މައުމޫންގެ 30 އަހަރުގެ ވެރިކަމެވެ. އެއިން އެތައް ބަޔަކަށް ލިބުނު ޖާހަތެވެ. އެ ބޮޑުކަން ގެއްލުމުން އިހުސާސްކުރަމުން އަންނަ ހިތާމަ އެވެ. އަދި ވެރިކަން އަލުން ހޯދުމަށް ރާވާ ރޭވުންތަކެވެ.
"ދެތިން އަހަރެއް ވީމާ، ގެއްލުނު އެތީގެ ބޮޑުކަމުން، ލިބުނު ހިތާމައިގެ ފުންކަމުން، ދެން ނުކުމެ، އަލުން އަނބުރާ ވެރިކަމަށްޓަކައި އުޅޭ އުޅުމަކުންނެއް، އަޅުގަނޑުމެންގެ ރާއްޖެއިން މި ލިބޭ ތަރައްގީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ،" މުޒާހަރާކުރަނީ ކުރީގެ ރައީސް މައުމޫނަށް ނިސްބަތްވާ މީހުން ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވިދާޅުވި އެވެ. "މާލޭ މަގުމައްޗަށް މާލޭ ވިޔަފާރިވެރިންނާއި މާލޭގެ ރައްޔިތުންނަށް އުނދަގޫކުރަން ނުކުންނަ ސަތޭކައެއްހާ މީހުންނަކުން، މި ސަރުކާރެއް ވެސް، މި ރައްޔިތުންނެއް ވެސް ނުގުޑާނެ. ރައްޔިތުން އެއްވެ، ގިނަ ރައްޔިތުން އެއްވެ، ހިޔާލުފާޅުކޮށް ހެދިމާ، ސަރުކާރު ޚިޔާލު ބަލައިގަންނާނެ. އެކަމުގައި ޝައްކެއް ނެތް. ދަނޑިބުރިބުރި ހިފައިގެން، ބާރު ބާރަށް ދުއްވާފައި ގޮސް، ބިއްލޫރި ތެޅުކަމުންނެއް، ސަރުކާރު އެކަމަކާއެއް އިޖާބައެއް ނުދޭނެ."
ސަފުހާ 138
ބަނޑޭރިކޮށީގައި ތިބި ބައެއް ސިފައިންނާ ބައްދަލުކުރައްވަން ރައީސް ނިންމެވީ ސިފައިންގެ ޚިޔާލު ހުރި ގޮތް ކަށަވަރުކުރަން ކަމަށް ބެލިދާނެ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ އެ ފަހު ވަގުތުކޮޅު، ސިފައިންނާ ކުރިމަތިލައްވާ، އެ މީހުން ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލުކުރެއްވި އެވެ. އެ ތަނުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ފުރަތަމަ އެމަނިކުފާނު އެއްސެވީ ކައިރީގައި ހުރި ސިފައިންގެ މީހެއްގެ ގާތުގަ އެވެ. އޭނާ އިސްޖަހައިގެން ހުރެ ބުނި ކަމަށް ވަނީ އިސްތިއުފާ ދެއްވުމަށެވެ. ދެން ޖެހިގެން ހުރި މީހާ ކައިރީގައި އެހުމުން އެ ސިފައިންގެ މީހާ ބުނި ކަމަށް ވަނީ ތިމަންނަ ހުންނާނީ ރައީސާ އެކުގައި ކަމަށެވެ. އޭގެ ފަހުން ރައީސް ސުވާލުކުރެއްވީ އެތަނުގައި އެވަގުތު ބި ހުރިހާ ސިފައިންނާ އެވެ. އޭގެ ތެރެއިން ވަަރަށް ގިނަ ބަޔަކު ގޮވީ އިސްތިއުފާ ދެއްވުމަށެވެ.
"އަޅުގަނޑު ބުނާނީ އަސްލު ރައީސަކަށް އެނޫން ގޮތެއް ނެތޭ. ރައީސް ހުންނެވީ މަޖުބޫރީ ހާލަތުގައޭ،" ރައީސްގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ. "އެތަނުގައި ހުރި މީހަކަށް އެނގޭނީ ގަންނާނެ ބިރު. އެހާ އަޑުގަދަ. ސިފައިންގެ އޮފިސަރެއް ގާތު ރައީސް އެއްފަހަަރަކު އެއްސެވި ކިތައް މީހުންހޭ ތިމަންނައާ އެކު ތިބީ. އޭނާ ބުނީ ފަސް ވަރަކަށް މީހުންނޭ. މިހާ ވަރުން ދެން ކިހިނެއް އެތަނުން ރައީސް ސަލާމަތްވާނީ."
ސަފުހާ 139
ރައީސް ނަޝީދުގެ ވެރިކަމުގައި އެމްއެންޑީއެފްގެ ޚަަދުތައް ކޮންޓްރޯލްކުރަން ޖެހުނެވެ. އެކަމަކު އެފަދަ ކޮންމެ ފިޔަވަޅަކުން ވެސް ސިފައިންނަށް އަސަރުކުރެ އެވެ. ކެއުމާއި ނިދުމާއި ލިބޭ ކޮންމެވެސް އާމްދަނީއަކުން އުނިވެ އެވެ. އެކަމަކު ސީނިއަ އޮފިސަރަކު ވިދާޅުވި ގޮތުގައި ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހޭދަ ވެސް އޮންނަން ޖެހޭނީ ގައުމަށް ބުރައަކަށް ނުވާނެ ގޮތަށެވެ. އެހެންކަމުން ކަނޑައަޅާ ބަޖެޓެއްގެ ތެރޭގައި ފައްތަން ސަމާލުކަން ދިނެވެ.
"މި ގޮތަށް އެއްޗެހި ކަނޑާލަން ފެށީމާ އެ ދަނޑިވަޅު ސިޔާސީ ވާދަވެރިންގެ ނުފޫޒު ވަންނަން ފެށީ. ސިޔާސީ މީހުން މި ބުނަނީ ކަލޭމެންނަކީ ކާލައިގެން، ހަވީރު ފުށް ޖަހާލައިގެން، ދައުލަތުގެ ފައިސާއިން ޕެޓްރޯލް އަޅައިގެން ދުއްވާލަން ތިބޭ ބައެކޭ،" ސިފައިންގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު ދާޅުވި އެވެ.
ސަފުހާ: 143
ގައުމީ ޕާޓީ އޮފީސް ހުންނަ 'ރާއްޖެ ޗެމްބާސް'ގައި މުޅިން އެހެން މަސައްކަތެއް، ފެބްރުއަރީ 7 ގެ ހެނދުނު ފެށި އެވެ. އެއީ ދެން އެނޫން ގޮތެއް ނެތިގެން، ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިގެން ރައީސްކަމުން ނަޝީދު ވަކިކުރުމުގެ ގާނޫނީ މަސައްކަތެވެ. ޑރ. ހަސަން ސައީދާއި ޑެރ. ޖަމީލަކީ ގާނޫނީ ދެ ބޭފުޅުން ކަަމަށް ވާތީ، ގައުމީ ޕާޓީ އަބަދުވެސް ބެލެވެނީ ރަައީސް ނަޝީދުގެ ސިޔާސީ އަމަލްފުޅުގައި ހުންނަ ގާނޫނީ މައްސަލަ ނަގާ ބައެއްގެ ގޮތުގަ އެވެ. ގާނޫނުއަސަސީ އާއި ގާނޫނުތަކާ ސަރުކާރުން ހިލާފުވާ ކަމުގެ ނޫސްބަޔާންތަކާއި ސިޓީތައް އާންމުކުރުމަކީ ގައުމީ ޕާޓީގެ އާދަ އެވެ. ރައީސް ނަޝީދުގެ މައްސަލަ ކޯޓަށް ވައްދައިގެން ނިންމާނެ ކަމަށް ކިތައްމެ ފަހަކު ޑރ. ޖަމީލް ފަދަ ބޭފުޅުން ވިދާޅުވެ، އިންޒާރު ދެއްވި އެވެ.
ފެބްރުއަރީ 6 ވަނަ ދުވަހުގެ ރެ އާއި ހަތްވަނަ ދުވަހު ކަންތައް ވަމުން އައި ގޮތުން ގައުމީ ޕާޓީ އާއި އަދާލަތު އަދި ޑީއާރުޕީ އެކުވެގެން ނިންމީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ ނ. އަދި ރ.އާ ރައީސް ނަޝީދު ހިލާފުވެވަޑައިގެންފައިވާ ކަމަށް ބަލައި، އެ މައްސަލަ ހަމަ އެދުވަހު ސުޕްރީމް ކޯޓަށް ވެއްދުމަށެވެ.
ސަފުހާ: 147
ފެބްރުއަރީ 7 ވަނަ ދުވަހު، ރަސްމީކޮށް އިސްތިއުފާ އިއުލާންކުރެއްވުމުގެ ކުރިން ރަައީސް ނަޝީދުގެ ފަރާތްޕުޅުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގުޅުއްވީ ޔާމީންގެ އެހީތެރިކަން ރައީސް ނަޝީދަށް އެވަގުތު މުހިންމުކަމުންނެވެ.
"އިބޫ ގުޅުއްވާފައި ވިދާޅުވި ރައީސް އެބަ ގަސްދުކުރައްވައޭ އިސްތިއުފާ ދެއްވަން. އެހެންވެ އަމިއްލަ ރައްކާތެރިކަން ބޭނުންވާނެއޭ. އަހަރެން ގޮސް އެ މެސެޖް ފުލުހުންނާއި ސިފައިންނަށް ދޭން އިބޫ ބޭނުންވީ،" ޔާމީން ވިދާޅުވި އެވެ.
އިބޫގެ ފޯނަށް ފަހު ދެން ޔާމީނަށް ލިބިވަޑައިގަތީ މުލޭގެ އެސްއެމްއެސްއެކެެވެ. އޭނާ އެދިވަޑައިގަތުމަށް އިންޑިއަން ހައި ކޮމިޝަނަށް ޔާމީން ވަޑައިގަތެވެ. އޭރު ރައީސް ނަޝީދަށް އިތުރު ވަގުތުކޮޅެއް ހޯއްދަވައިދެއްވޭތޯ މުލޭ ގެންދެވީ މަސައްކަތްކުރައްވަމުންނެވެ.
މުލޭ ބޭނުންފުޅުވީ މައްސަލަ ހައްލުކުރުމަށް ދެ ތިން ދުވަހުގެ މުހުލަތެއް ހޯދައިދިނުމަށެވެ. އެކަމަކު ރައީސް ނަޝީދު އޭރު ހުންނެވީ އިސްތިއުފާ ދެއްވަން ގަސްދުކުރައްވައިގެން ކަމަށް ވާތީ، އިންޑިއާގެ ހައި ކޮމިޝަނަރު އިތުރު ވަގުތު ހޯއްދަވަނީ ކީއްކުރަންތޯ ޔާމީންގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ.
"އަހަރެން ބުނިން މުލޭއޭ، މިހާރު ރައީސް އެ އޮތީ ގަސްދުކުރައްވާފައޭ އިސްތިއުފާ ދެއްވަން، ދެން ކީއްކުރަންހޭ ނެގޯޝިއޭޓަަކަށް ދާންވީ؟ އަނެއްކާ އަހަރެން ބުނިން އަހަރެން މި އައީ ނެގޯޝިއޭޓްކުރާކަށް ނޫނޭ،" ޔާމީން ފިދާޅުވި އެވެ.
ސަފުހާ: 152
ރިޔާސީ ގަނޑުވަރަށް ވަޑައިގެންނެވި އިރު މުޅި މާހައުލު ވަނީ ބަދަލުވެފަ އެވެ. އޭރު ފުލުހުން އެތަނުގެ ތެރޭގައި އެއްޗެހި ހާވާ ކަންތައް ކުރަން އުޅުނު ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެމަނިކުފާނު ފުރަތަމަ ވެސް ކުރެއްވި ކަމަކީ ހެދުންކޮޅު ބަދަލުކުރެއްވުމެވެ.
"ކޮޓަރިކޮޅަށް ވަންނަވާފައި އެމަނިކުފާނު ތުރުކުރެއްވީ ޓީޝާޓަކާއި މުންޑު،" އޭނާ ވިދާޅުވި އެވެ. "އެއީ ގޭގައި އުޅުއްވާ އިރު ވަރަށް އާދައިގެ ގޮތަކަށް އަބަދުވެސް ހުންނަވާނީ."
މުލިއާގެއިން އެދުވަހު ހަވީރު ނުކުމެވަޑައިގަތުމުގެ ކުރިން ފަރިއްކުޅުއްވި އެވެ. 'ހަވީރު'އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ ދޫކުރައްވާ އެމަނިކުފާނުގެ ރިޔާސީ ގަނޑުވަރަކަށް ހެއްދެވި މުލިއާގެއިން އެންމެ ފަހުގެ އެއްޗަކަށް ފަރިއްކުޅުއްވީ 'ރޮއްޓާއި ރިހަ" ކަމަށެވެ.
ދެން އެމަނިކުފާނު ވަޑައިގަތީ އަމިއްލަ ގެކޮޅު ގ. ކެނެރީގެއަށެވެ.
ސަފުހާ: 169
ފުލުހުންނާއި ސިފައިން ކުރީ ބަޣާވާތެއް ކަމަށް އެމްޑީޕީގެ ތެރެއިން ނުކުތީ ފެބްރުއަރީ 8 ގަ އެވެ. އިސްތިއުފާ ދެއްވުމަށް ފަހު ހިމޭންކަމުގައި ނަޝީދު އެއް ދުވަހު އުޅުއްވި އެވެ. އެކަމަކު ފެބްރުއަރީ 8 ވަނަ ދުވަހު މެންދުރު ފަހު ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ކުއްލި ޖަލްސާގައި، ނަޝީދު، ޖޯޝާއި ފޯރި އާއި ކެރުމުގައި، ވިދާޅުވީ ފެބްރުއަރީ 7 އަކީ ބަޣާވާތެއް ކަމަށެވެ. އެހެންކަމުން 'ބަޣާވާތް' މި ލަފުޒު މިހާރު ވަނީ ސިޔާސީ ޚިޔާލު ތަފާތުވުމެއްގެ ހެދުން އެޅިފަ އެވެ. ވަރަށް ބޮޑު ޚިޔާލު ތަފާތުވުމެކެވެ.
ސަފުހާ: 180
ރައީސުލްޖުމްހޫރިއްޔާއަށް ބޮޑު މައްސަލައަކާ ދިމާވެއްޖެ ނަމަ އަރިހުގައި ހުންނަވަން ޖެހޭނެ އެއް ބޭފުޅަކީ ނައިބް ރައީސް އެވެ. އެކަމަކު ރައީސް ނަޝީދާއި ނައިބު ރައީސް ވަހީދާ ދެމެދު އޮތީ ވަރަށް ބޮޑު ޚިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރެއް ނެތެވެ. އެއް އޮފީހެއްގައި އުޅުއްވިޔަސް ކައިރިއެއް ނޫނެވެ.
ފެބްރުއަރީ 6 ދުވަހުގެ ރޭގެ ބޮޑު ހަމަނުޖެހުން އުފެދި، ފުލުހުން ޖުމްހޫރީ މައިދާންގައި އިށީން އިރު، ހީވާ ގޮތުން، އާންމު ފަރުދެކޭ ނައިބު ރައީސެކޭ ދާދި އެއްގޮތެވެ. އެންމެ ފަހަރަކު ވެސް ރަައީސާއި ނައިބު ރައީސާ ދެމެދު ވާހަކަ ދެއްކެވިފައެއް ނެެތެވެ. ޑރ. ވަހީދު ވިދާޅުވާ ގޮތުން ނަމަ އެއްވެސް ކަމަކާ ގުޅާފައެއް ނެތެވެ. އަދި އިސްނަންގަވައިގެން ނައިބު ރައީސް ވެސް އެހީތެރިކަަމުގެ އަތެއް ދިއްކުރައްވާފައެއް ނުވެ އެވެ. އެހެންކަމުން އެރޭ ވެސް ޑރ. ވަހީދު އިންނެވީ އެމަނިކުފާނުގެ ރަސްމީ ގެކޮޅުގައި، އާންމު ދިވެއްސެކޭ އެއްގޮތަށް، ޓީވީތަކުން މަންޒަރު ބައްލަވާށެވެ.
ސަފުހާ: 186
ދެން އަންނަން ތިބި ސިޔާސީ ލީޑަރުންނަށާއި ސިޔާސީ ކަންކަމަށް ޝައުގުވެރިވާ ދިވެހި ރައްޔިތުންނަށާއި މުޅި ގައުމަށް ވަރަށް ބޮޑު ހަމަޖެހުމެއް އެބަ ބޭނުންވެ އެވެ. ހިތާމައަކީ އެކަން، އެ މަންޒަރު މިއިން ދުވަހަކު ވެސް ރާއްޖެއިން ނުފެނިދާނެތީ އެވެ. ދިވެހިންގެ ތެރޭގައި އޮތް ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދިގުދެމިގެން ހިނގައިދާނެތީ އެވެ. ދިވެހިންގެ އެއްބައިވަންތަކަން، ޑިމޮކްރަސީގެ ބައިބައިވުމުގައި ގައުމުން ނެތިދާތީ އެވެ.
މި ޑިމޮކްރަސީ ރާއްޖެއަށް ކަމަކުުނުދެއޭ ބައެއް މީހުން ބުނަނީ، ކޮންމެހެން ޑިމޮކްރަސީ ގޯސްވެގެންނެއް ނޫނެވެ. އަޅުގަނޑުމެން ތަހައްމަލްކުރަމުން މި އަންނަ ދުވަސްތަކުގެ ހިތިކަމާ ހެދި އެވެ.
'ފެބްރުއަރީ ހަތެއް' ފޮތުގެ ބައެއް ސަފުހާތަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ