ޞަލާހް ލިވަރޕޫލް ދޫކޮށްލަނީ

ލިވަރޕޫލްގެ ތާރީޚުގައި ފެނިގެންދިޔަ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު ޞަލާހް، މިސީޒަން ނިމުމާ އެކު ލިވަރޕޫލް ދޫކޮށްލާނެ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.
ލިވަރޕޫލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓްގައި ބާކީ އަދި އެއްއަހަރު އޮއްވާ ޞަލާޙް ކްލަބް ދޫކޮށްލުމަށް ހުށަހެޅި ހުށަހެޅުމަށް އެކުލަބުން މިހާރު އެއްބަސްވެފައިވާކަމަށެވެ.
އިނގިރޭސި ލީގުގެ ތަށި 20 ފަހަރު ލިވަރޕޫލުން ހޯދައި ރެކޯޑަކާއި އަރާ އެކުލަބް ހަމަކުރިއިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަކުރެވުނު އުމުރުން 33 އަހަރުގެ ޞަލާހް، މިދިޔަ ސީޒަން ނިމުނުއިރު ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރުމަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް، މި ސީޒަނުގައި އޭނާގެ ކުޅުން ދަށްވުމާ ގުޅިގެން، މިދިޔަ އަހަރުގެ ފަހުކޮޅު ބައެއް މެޗުތަކުގައި އޭނާ ބެންޗުގައި ބައިންދާފައިވެއެވެ. މިކަމާ ގުޅިގެން ޞަލާޙް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކްލަބުން އޭނާ ”ބާކީކޮށްލާފައިވާ“ ކަމަށެވެ.
2017 ވަނަ އަހަރު ރޯމާ ދޫކޮށް ލިވަޕޫލާ ގުޅުނު މިޞްރުގެ ފޯވާޑް ވަނީ އެ ކްލަބަށް ކުޅެދިން 435 މެޗުގައި 255 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން، އޭނާ ވަނީ ލިވަޕޫލަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުމުގެ އިތުރުން، ޗެމްޕިއަންސް ލީގުގެ ތަށި ހޯދަދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ