މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލާނެކަން އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު އިއުލާންކޮށްފިއެވެ.
އުުމުރުން 33 އަހަރުގެ ސަލާހު އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި ގުޅުނީ 2017 ވަނަ އަހަރު އިޓަލީގެ ރޯމާއިންނެވެ. އޭނާ ލިވަޕޫލް ދޫކޮށްލާނެކަން އިއުލާންކުރީ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ވީޑިއޯ މެސެޖެއްގައެވެ.
"އަހަރެން ހީވެސްނުކުރަން މި ކްލަބާއި މި ސިޓީ އަދި މި ސަޕޯޓަރުން އަަހަރެންގެ ހަޔާތުގެ މިހާ މުހިއްމު ބަޔަކަށް ވާނެކަމަށް. ލިވަޕޫލަކީ ހަމައެކަނި ފުޓުބޯޅަ ކުލަބެއް ނޫން. އެއީ ގަދަފަދަ ލޯތްބާއި ފޯރިއެއް. އެއީ ފަޚުރުވެރި ތާރީޚެއް. އަދި ދިރިހުރި ރޫޙެއް" ޓީމު ދޫކޮށްލާނެކަން އިއުލާން ކުރަމުން އޭނާ ބުންޏެވެ.
ސިީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރު 2 އަހަރު ދުަވަހުގެ އެއްބާަަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ސަލާހު ޓީމު ދޫކޮށްލާނީ ފްރީ ޓްރާންސްފާއެއްގެ ދަށުންކަމަށް ލިވަޕޫލް ވަނީ ބުނެފައެެވެ.
މި ސިީޒަނުގައި ސަލާހަށް މާމޮޅު ކުޅުމެއް ދެއްކިފައިނުވާއިރު، 34 މެޗުގައި އޭނާއަަށް ކާމިޔާބުކުރެވުނީ އެންމެ 10 ލަނޑެވެ. މިއީ ލިވަޕޫލާއި ގުުޅުމަށްފަހު އޭނާގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނިގެންދިޔަ ސީޒަނެވެ.
ސަލާހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާއާ ޓީމާ މެދު އޮންނަ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އޭނާއާއި ޓީމުގެ ކޯޗާއި ގުޅުން ނެތްކަމަށް ސަލާހު ވަނީ މިދިޔަ ޑިސެމްބަރުމަހު ބުނެފައެވެ. އަދި ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ޓީމު ދޫކޮށްލާނެކަމުގެ އަޑުތަކެއްވެސް އޮތީ ފެތުރިފައެވެ.
މިދިޔަ 9 އަހަރު ތެރޭގައި ސަލާހު ވަނީ ލިވަޕޫލަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީ، ޔޫރަޕްގެ ގަދަ ބާރަކަށް ހެދުަމުގައި ބޮޑު ހިއްސާއެއް އަދާކޮށްފައެވެ. އެގޮތުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2 ފަހަރު ހޯދުމުގެ އިތުރުން ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑް ކަޕް، ޔުއެފާ ސުަޕަ ކަޕް އެފްއޭ ކަޕް، އަދި ކޮމިއުނިޓީ ޝީލްޑް އެ ޓީމުން ކާމުިިޔާބު ކުރުމުގައި ސަލާހުގެ ހިއްސާ ވަރަށް ބޮޑެވެ.
މިީގެއިތުރުން އޭނާ މިހާތަނަށް ލިވަޕޫލަށް ކުޅުނު 435 މެޗުގައި ޖުމްލަ 255 ލަނޑު ވަނީ ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ދިގު ތާރީހެއް އޮތް ލިވަޕޫލަށް 3 ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
ލިވަޕޫލް ދޫކޮށްލަން ނިންމި ނަމަވެސް ސަލާހު ދެން ގުޅޭނެ ޓީމެއް ޔަގީނެއް ނޫނެވެ.
މި ސީޒަނަށްފަހު ސަލާހު ލިވަޕޫލް ދޫކޮށްލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ