ޔަހޫދީ އިސްރާއީލާއި އެމެރިކާ އިސްވެ އޮވެ އީރާނަށް ހަމަލާދިނުމާއި ގުޅިގެން މެދުއިރުމަތީގައި ފެށިގެން ކުރިޔަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށް، އެމެރިކާގެ ރައީސް ޓްރަމްޕް 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތަށް އިރާނުން ދޮގުކޮށްފިއެވެ.
އީރާނުން ހޯމަދުވަހު ބުނެފައިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެކު މިހާތަނަށް އީރާނުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށެވެ. އަދި ޔަހޫދީ އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު އެފީ ޑެފްރިން ވިދާޅުވީ ހަނގުރާމައިގެ ރޭވުންތަކަށް ބަދަލެއް ނާންނަ ކަމަށާއި، ދެމުންދާ ގެއްލުންތައް އިތުރުކޮށް ކުރިމަތިވަމުންދާ ނުރައްކާތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މި މަޝްވަރާތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ގެ އިތުރުން ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން، ޑޮނަލްޑް ޓްރަމްޕް ވަނީ ތެލާއި ގޭހާ ގުޅުންހުރި ”ވަރަށް ބޮޑު ހަދިޔާއެއް“ އީރާނުން އޭނާއަށް ދީފައިވާ ކަމަށާއި،އަދި އީރާނުގެ ލީޑަރުންނަށް އާ އިތުބާރެއް އުފެދިއްޖެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެެ.އެހެންނަމަވެސް އެވާހަކަތަކުގެ އެއްވެސް ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ސުލްހައިގެ ވާހަކަދައްކަވަމުން ގެންދަވާއިރު އީރާނާ ދެކޮޅަށް ކުރިއަށްދާ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އެމެރިކާގެ އިތުރު އެތައް ހާސް ސިފައިންނެއް މެދުއިރުމައްޗަށް ފޮނުވަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައިވެއެވެ.
އަދި ހަގުރާމަ ދިރާސާކުރައްވާ ބައެއް ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ސުލްހައިގެ މި ވާހަކަތަކަކީ ހަގުރާމައިގަ އެމެރިކާއަށް ނާކާމިޔާބުވެ ބޮޑެތި ގެއްލުންތަކެއް ލިބެންފެށުމާއި ގުޅިގެން ޓްރަމްޕް އޭނަގެ ރާގު ބަދަލުކޮށް ޑިޕްލޮމެސީއަށް ސަމާލުކަން ދޭކަން ދުނިޔެއަށް ދެއްކުމަށް ކުރައްވަމުންގެންދަވާ މަސައްކަތެއްގެ ގޮތުގައިވަނީ ސިފަކުރައްވާފައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީ އިސްރާއީލު ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު މި ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. މީގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އެކު މަޝްވަރާ ކޮށްފައިނުވާނެ: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ