ސާފް 20 އަހަރުން ދަށުގެ މުބާރާތް: ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް އިން ފެށީ ވަރުގަދަކޮށް ސާފް 20 އަހަރުން ދަށުގެ މުބާރާތް: ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް އިން ފެށީ ވަރުގަދަކޮށް

ރޮނަން ބެންޖަމިން ސުލިވަން ޖެހި ދެ ލަނޑާ އެކު، ބަންގްލަދޭޝް 2-0 އިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން ބަލިކޮށް ފެށުން ވަރުގަދަކޮށްފި އެވެ.
އެންމެ ފަހުގެ ރަނަރަޕް، ބަންގްލަދޭޝް އިން މި ފަހަރު ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާގެ އިތުރުން ޕާކިސްތާނާ އެކު، ތިން ޓީމު ވާދަކުރަން ޖެހިފައި އޮތް ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝް އިން މޮޅުވީ، ގަލޮޅު ދަނޑުގައި އެ ގައުމުގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގަ އެވެ.
މި މެޗުގެ ތަރި އަކީ، އެމެރިކާ އަށް އުފަން، ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ 18 އަހަރުގެ ސުލިވަން އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުނުއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ނުވަ މިނިޓް ތެރޭ ބަންގްލަދޭޝް އިން ލީޑުނެގީ ސުލިވަން ހިލޭ ޖެހުމަކުން ޖެހި ލަނޑުންނެވެ. އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން ސުލިވަން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިިއިރު، ޕާކިސްތާންގެ ކީޕަރު ކާޝިފް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ބަންގްލަދޭޝް އިން ލީޑުނެގުމުން، މެޗުގެ ނަތީޖާ ހަމަހަަމަކުރަން ޕާކިސްތާނުން މަސައްކަތް ފެށި އެވެ. އެ ގޮތުން، ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކަށް ދެވޭތޯ ބަލަމުންދިޔައިރު، ބަންގްލަދޭޝް އިން ވަނީ އޭގެއިން އެ ޓީމަށް ކުރިއަށް ދާން ލިބުނު އެއް ފުރުސަތެއްގައި، ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާ ސުލިވަން އެވެ. މެޗުގެ 67 ވަނަ މިނިޓްގައި، އަރިމަތިން ނަގައިދިން ހުރަހަކަށް އޭރިއާތެރެއަށް ހުސްކޮށް އަރައި، ސުލިވަން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މި ގްރޫޕްގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު، ހަވީރު ޕާކިސްތާނުން ކުޅޭނީ އިންޑިއާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ