ރަމަޟާން މަހު ޢުމްރާއަށް އައި ކޯޕަރޭޝަންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް އައި ޢުމްރާވެރިން ފުރަން ފަށައިފިއެވެ. ފުރަތަމަ ފްލައިޓް މާލެއަށް ޖައްސާނީ މިއަދު ހެނދުނު 09:30 ހާއިރުގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު 600 އަށްވުރެ ގިނަ މީހުންވަނީ މައްކާއަށް އައިސްފައެވެ. ރަމަޟާން މަހުގައި ޢުމްރާގެ މަތިވެރި އަޅުކަން ނިންމުމަށްފަހު މިހާރު ޢުމްރާވެރިން މިވަނީ ފުރަން ފަށާފައެވެ. ބުދަ ދުވަހު 2 ފްލައިޓްގައި ޢުމްރާވެރިން ފުރުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފްލައިޓުގައި 58 ޢުމްރާވެރިން އަދި ދެވަނަ ފްލައިޓްގައި 60 މީހުން ފުރާނެއެވެ.
ރަމަޟާން މަހާ ދިމާކޮށް 2 ގްރޫޕަކަށް ބަހާލައިގެން ކޯޕަރޭޝަންގެ ހަވާލުގައިވަނީ މީހުން ޢުމްރާއަށް ގެެނެސްފައެވެ. އެގޮތުން މުޅި ރަމަޟާން މަހު ޢުމްރާއަށް 230 މީހުންވަނީ މައްކާއަށް އައިސްފައެވެ.
މީގެއިތުރުން ރާއްޖެއިން ޢުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާނަގައިގެން ގްރޫޕަކުން 160 އަށްވުރެ ގިނަ ޢުމްރާވެރިންނަށް މަކަރު ހެދި މައްސަލައާއި ގުޅިގެން އެފަރާތްތަކަށް ޢުމްރާގެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޕަރޭޝަނުން ވަނީ އެހީތެރިވެފައެވެ. އޭގެތެއިން 40 އަށްވުރެ ގިނަ ފަރާތަކަށް ޢުމްރާގެ ކަންކަން ހަމަޖައްސައިދީފައިވަނީ ސީދާ ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.
ރަމަޟާން މަހުގެ ޢުމްރާވެރިންނަށް މައްކާ އަދި މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށް ޠާއިފަށްވެސްވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިތުރު ޢުމްރާކުރަން އެދުނު ފަރާތްތަކަށް އެފުރުސަތުވެސްވަނީ ފަހިކޮށްދެއްވާފައެވެ.
ޢުމްރާވެރިންގެ ފަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ