ޝަހީދު އަލީ ސްކޫލް ހުޅުވައިފި

މިއަދު ފެށި ދިރާސީ އާ އަހަރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޝަހީދު އަލީ ސްކޫލް ހުޅުވައިފި އެވެ.
އެ ސްކޫލް ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ސްކޫލަކީ މި ސަރުކާރުން އިމާރާތްކުރި ސްކޫލެކެވެ. އެގޮތުން ޝަހީދު އަލީ ސްކޫލްގެ އަމަލީ މަސައްކަތް ފެށީ 2023 ގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އެ ސްކޫލް އިމާރާތްކުރީ އާރްސީސީއާ ހަވާލުކޮށްގެންނެވެ.
ޝަހީދު އަލީ ސްކޫލް ހުޅުވަން ބޭއްވި މި ރަސްމިއްޔާތުގައި ރައީސަށް ހަނދާނީފިލައެއް އަރުވައި ސްކޫލްގެ ލޯގޯ ވެސް އިފްތިތާޙްކޮށްފައިވެ އެވެ.
ޝަހީދު އަލީ ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެގޮތުން ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ހިމެނެ އެވެ.
ގްރޭޑް 1-10 އަށް ކިޔަވައިދޭ މި ސްކޫލްގައި މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވެ އެވެ. އަދި 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބާއި ތިން ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައި ވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.
ޝަހީދު ޢަލީ ސްކޫލަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ދާއިމީ ދެވަނަ ވަނަ ސުކޫލެވެ. ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލަކީ، ޞަލާޙުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ