ދުބާއީގެ އެންމެ ނުފޫޒުގަދަ ވިޔަފާވެރިންގެ ތެރޭގައި ހިމެނޭ، އަދި ގިނަ ދުވަސްތަކެއް ވަންދެން ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވްގެ މަގާމު ފުރަމުން ގެންދިޔަ ސުލްޠާން އަޙްމަދު ބިން ސުލަޔަމް މަގާމުން އިސްތިއުފާ ދީފިއެވެ.
އޭނާ މަގާމުން އިސްތިއުފާދީފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތްކަން ހާމަވާ އިމެއިލްތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.
މި މައްސަލަ ހޫނުވީ، 2009 ވަނަ އަހަރު އެޕްސްޓީން ފޮނުވާފައިވާ އީމެއިލެއްގައި "ޓޯޗާ ވީޑިއޯ" ނުވަތަ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ވާހަކަ ބަޔާންކޮށް، އެޕްސްޓިންއަށް އެ ވީޑިއޯ ކަމުދިޔަ ވާހަކަ ބުނެ ޝުކުރު އަދާކޮށްފައި އޮތުމުންނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ވަނީ އެ އީމެއިލް ލިބުނު ފަރާތަކީ ބިން ސުލައިމްކަން ކަށަވަރުކޮށްދީފައެވެ. މިއާއެކު، އެޕްސްޓީންގެ ކުށްތައް ފަޅާއެރުމުގެ ކުރިން އޭނާއާ ގާތްގުޅުމެއް ބިން ބުލައިމް ބޭއްވިކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
މި އީމެއިލްތަކާ ގުޅިގެން އާންމުންގެ ނުރުހުމާއި ޝައްކުތައް އިތުރުވި ނަމަވެސް، އެޕްސްޓީން ފަދައިން ބިން ސުލައިމް އެފަދަ މުޑުދާރު އަމަލެއްގައި ބައިވެރިވިކަމުގެ ނުވަތަ އެފަދަ ވީޑިއޯއެއް އުފެއްދުމާއި ފެތުރުމުގައި އުޅުނުކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށާއި، އެ އީމެއިލްގައި ބުނާ ވީޑިއޯގެ އަސްލު މާނައަކީ ކޮބައިކަން ވެސް ތަހުގީގީ އިދާރާތަކުން އަދި ސާފުކޮށްދީފައި ނުވާކަމަށް ބައެއް ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް ބިން ސުލައިމް މަގާމުން އިސްތިއުފާ ދީފައިމިވަނީ އޭނާގެ އަބުރަށް ލިބުނު ގެއްލުމާ އެކު ކަމަށް ބެލެވެއެވެ.
އޭނާ އިސްތިއުފާ ދިނުމާއިއެކު، ދުނިޔޭގެ އެކި ގައުމުތަކުގައި ބަނދަރުތަކާއި ލޮޖިސްޓިކްސްގެ ޚިދުމަތް ދޭ ބޮޑު ކުންފުނި، ޑީޕީ ވޯލްޑުން އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުންފުނީގެ އިސްވެރިންގެ އޮނިގަނޑަށް އަވަސް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައިކަން އިއުލާނުކޮށްފައިވާއިރު، ޑީޕީ ވޯލްޑްގެ ސީއީއޯގެ މަޤާމަށް ވަނީ އެހެން ބޭފުޅަކު އައްޔަނުކޮށްފައެވެ. މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ވަނީ ޑީޕީ ވޯލްޑުން ވަނީ ކުންފުނި ހިންގުމުގެ މިންގަނޑުތަކާއި އުސޫލުތައް ވަރުގަދަކޮށް، މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ދީފައިވެއެވެ. ނަމަވެސް ސުލްތާން އަހުމަދު ބިން ސްލަޔަމްއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނުވެއެވެ.
އެޕްސްޓީންއާ ގުޅުން އޮތްކަން ހާމަވެ، ޑީޕީ ވޯލްޑްގެ ސީއީއޯ އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ