ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނާ ދެމެދު ވެފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، ޕާކިސްތާނުގެ އަސްކަރީ ފައިޓަރ ޖެޓްތަކެއް ސައުދީގެ އިރުމަތީ ސަރަހައްދަށް ފޮނުވައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ، އިރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އިސްލާމްއާބާދުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ސައުދީ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ޕާކިސްތާނުގެ ފައިޓަރ ޖެޓްތަކާއި ސަޕޯޓް ޖެޓްތައް ހިމެނޭ ފްލީޓެއް ހޮނިހިރު ދުވަހު ވަނީ ސައުދީގެ ކިންގް އަބްދުލްއަޒީޒް އެއާ ބޭސްއަށް ޖައްސާފައެވެ.
މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި، އެއް ގައުމަކަށް ދޭ ހަމަލާއަކީ އަނެއް ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނާ "ދިފާއީ އެއްބަސްވުމުގެ" ދަށުން އެޅި ފުރަތަމަ އަމަލީ ފިޔަވަޅެވެ.
މިދިޔަ ފެބްރުއަރީ މަހު އިރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތަކަށް އިރާނުން ދޭން ފެށި ހަމަލާތަކާ އެކު މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހާލަތުގައި ޕާކިސްތާނުން ދަނީ އެއް ފަރާތުން މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން، އަނެއް ފަރާތުން ސައުދީގެ ދިފާއުގައި ސާބިތުވެ އޮތްކަން ހާމަކުރަމުންނެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ވިދާޅުވި ގޮތުގައި، ސައުދީގެ މުހިންމު ސަރަހައްދުތަކަށް ހަމަލާ ނުދިނުމަށް އޭނާ ވަނީ އިރާނުގެ ލީޑަރުންނަށް ކުރިން އިންޒާރުވެސް ދެއްވާފައެވެ.
މި ޖެޓްތައް ފޮނުވުމުގެ މަދު ދުވަސްކޮޅެއް ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ފޯނުން ގުޅުއްވައި، ދިފާއީ ކަންކަމުގައި "ކޮނޑާއި ކޮނޑު ޖައްސައިގެން" މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ސައުދީން ޕާކިސްތާނަށް ދިނުމަށް ނިންމާފައިވާ 5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ މަސައްކަތްތައް އަވަސްކުރުމަށް ވެސް ދެ ގައުމުގެ އިސްވެރިން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އިސްލާމްއާބާދުގައި ހުންނަވާ ސެކިއުރިޓީ އެނަލިސްޓް އިމްތިޔާޒް ގުލް ފާހަގަކުރެއްވި ގޮތުގައި، ތިން ޖެޓް ފޮނުވުމަކީ އަސްކަރީ ގޮތުން ބޮޑު ތަފާތެއް ގެންނާނެ ކަމެއް ނޫން ނަމަވެސް، މިއީ އިރާނަށް ދިން ވަރުގަދަ މެސެޖެކެވެ. އެއީ މަޝްވަރާތަކުގައި އިރާނުން ދޫދިނުމަށް ބާރުއެޅުމަށާއި، ސައުދީއާއެކު އޮތް ސްޓްރެޓީޖިކް ގުޅުން ހާމަކުރުމަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އެޓްލާންޓިކް ކައުންސިލްގެ މައިކަލް ކުގަލްމަން ސިފަކުރެއްވި ގޮތުގައި، މިއީ ޕާކިސްތާނުން ކުޅޭ "ނުރައްކާތެރި އުކުޅެކެވެ." އޭނާ ވިދާޅުވީ އިރާނުން ހަމަލާތައް ވަރުގަދަކޮށްފިނަމަ، ޕާކިސްތާނުން އަމަލީ ގޮތުން މި ހަނގުރާމައިގެ ތެރެއަށް ވަދެދާނެ ކަމުގެ އިންޒާރެއް މި ފިޔަވަޅުން ދޭހަވާ ކަމަށެވެ.
ސަރަހައްދީ ނުތަނަވަސްކަމުގެ ތެރެއިން ޕާކިސްތާނުގެ ފައިޓަރ ޖެޓްތައް ސައުދީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ