ރާއްޖޭގައި އެންމެ ވިދުންގަދަ އެއް ފުޓުބޯޅަ ތަރީގެ ގޮތުގައި ނިސްބަތްކުރެވޭ، ކްލަބް ވެލެންސިއާގެ ސީނިއަރ ޓީމުގެ ޒުވާން ކެޕްޓަން، އީތަން އިބްރާޙީމް ޒަކީގެ ސޮއި ހޯދަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މަސައްކަތް ފަށައިފިއެވެ.
ނިއުގެ ނުލާއި ހުދުގެ ޝަރަފުވެރި ޖާޒީގައި އީތަން އަންނަ ސީޒަނުގައި ފެނުމުގެ އުއްމީދު އޮތްކަން، ނިއުގެ ޗެއާމަން، އަޙްމަދު މުބީން ވަނީ "ޕީއެސްއެމް ނިއުސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުބީން ވިދާޅުވީ، އީތަން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާއާއި ގާބިލުކަން ހުރި ޒުވާން އެއް ތަރިކަމަށާއި، އެފަދަ ކުޅުންތެރިއަކަށް ކޮންމެ ޓީމަކުން ވެސް ފާރަލާނެކަމަށެވެ.
ހަމަ އެގޮތަށް، ނިއު އިން ވެސް އީތަންގެ ކުޅުން ގާތުން ބަލަމުން ދިޔަކަން ހާމަކުރައްވައި މުބީން ވިދާޅުވީ، ނިއު އިން އީތަންގެ ސޮއި ހޯދުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެއްބަސްވުމަކަށް އާދެވިފައި ނުވާކަން މުބީން ހާމަކުރެއްވިއެވެ.
ޒުވާން ޤައުމީ ޓީމުގެ ވެސް މުހިންމު ހިއްސާއެއްގެ ގޮތުގައި ނިސްބަތްކުރެވޭ އީތަން ވަނީ، ސީނިއަރ ޤައުމީ ޓީމަށް ވެސް ކުޅެދީފައެވެ. އެގޮތުން މިދިޔަ އަހަރު، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް، އޮސްޓްރޭލިއާގައި ކުޅުނު މެޗުގައި ޤައުމީ ޖާޒީގައި އީތަން ވަނީ ކުޅެފައެވެ.
އުމުރުން މިހާތު 17 އަހަރު ފުރިފައިވާ އީތަން ވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ސްޕެއިންގެ ކުލަބަކަށް ވެސް ކުޅެފައެވެ.
މީގެއިތުރުން އީތަން އަކީ، ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި، ވާދަވެރި މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހި ލީގުގައި އީތަން ވަނީ ވެލެންސިއާގެ ޖާޒީގައި ނުކުމެ، ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ލަނޑުޖަހާފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އުމުރުން 14 އަހަރާއި ނުވަ މަހާއި ދެ ދުވަހުންނެވެ.
އީތަންގެ އިތުރުން، ނިއު އިން އަންނަ ސީޒަނުގައި ގިނަ ކުޅުންތެރިންތަކެއް، އެ ޓީމުގެ ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ގެނައުމަށް ވަނީ ނިންމާފައެވެ.
ޒުވާން ތަރި އީތަންގެ ސޮއި ހޯދަން ނިއުއިން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ