ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވަނީ، ސާބިތު ދަރަންޏެއް ސާބިތުވާތީ މެމްބަރުކަމުގައި ޕީއެންސީގެ ފަރާތުން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރުމުންނެވެ.
ޕީއެންސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ޕާޓީގެ އާންމު މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ހުޅުވާލާ ކަމަށެވެ.
މިމަހުގެ 25 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާ އިރު، ޝަރުތުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާ ބެހޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާ ނަމަ، ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ކަމަށާއި އަދި ހުށަހަޅާ ހުށަހެޅުމާއެކު، އީސީއަށް ހުށަހަޅަން ޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއަތުތަކުގެ ތެރެއިން ހޯދާ ލިޔެކިޔުންތައް ވެސް ހުށަހަޅަންވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، އަންނަ ޖޫން 6 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މާދަމާ ހެނދުނު 10:00 އިން ފެށިގެން، މިމަހުގެ 29 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށް އީސީގެ އިއުލާނުގައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ