މާޒިޔާގެ ފޯވާޑަކު ނުގެންނާނަން: މުބީން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މި ސީޒަނުގެ އެންމެ ވަރުގަދަ ޓީމުކަން ގަބޫލުކޮށް، އެ ޓީމަށް ހައްގު އިހުތިރާމު ދިން ނަމަވެސް، އަންނަ ސީޒަނުގައި ނިއުރޭޑިއަންޓުގެ ފޯވާޑްލައިން ވަރުގަދަކުރަން މާޒިޔާގެ ކުޅުންތެރިއަކު ގެނައުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ނިއުރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވެފައި މިވަނީ، މާޒިޔާއާއެކު ކާމިޔާބު ހަތް ސީޒަން ހޭދަކުރުމަށްފަހު އެ ޓީމުގެ ތަރި، ހަމްޒާ މުޙައްމަދު (ހަމްޕު) އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރުމާ ގުޅިގެން، އޭނާ ނިއުއަށް ބަދަލުވާން އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުބީން ވަނީ، ހަމްޒާ ގެނައުމަށް ނިއުއިން އެއްވެސް މަސައްކަތެއް ނުކުރާކަން ކަށަވަރުކޮށްދެއްވާފައެވެ.
ނިއުގެ ފޯވާޑް ލައިން ވަރުގަދަކުރަން މާޒިޔާގެ ކުޅުންތެރިއަކު ނުގެންނާނެކަން ހާމަކުރައްވައި މުބީން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ސީޒަނަށް ނިއުގެ ސްކޮޑު ވަރުގަދަކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ޓީމުގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށެވެ. މި ދަނޑިވަޅުގައި ބައެއް ކަންކަން، ކުލަބުގެ ސަޕޯޓަރުންނަށް ސާފުކޮށްދޭން ބޭނުންވާކަމަށް ވިދާޅުވެ މުބީން އިތުރަށް ވިދާޅުވީ، މާޒިޔާ އަކީ 2025/2026 ވަނަ ސީޒަނުގެ އެންމެ ވަރުގަދަ ޓީމުކަމަށް ގަބޫލުކޮށް، އެ ކުލަބަށް އިޚްތިރާމުކުރައްވާ ކަމަށެވެ.
އެހެންނަމަވެސް، ނިއުގެ ފޯވާޑްލައިން އިތުރަށް ވަރުގަދަކުރުމަށްޓަކައި، މާޒިޔާގެ ފޯވާޑްލައިނުން އެއްވެސް ކުޅުންތެރިއަކު ގެނައުމުގެ ޝައުގުވެރިކަމެއް، ނިއުގެ މެނޭޖްމަންޓުގައި ނެތްކަމަށް މުބީން ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނިއުއިން މި ސީޒަނަށް ނުކުތީ، ސީޒަން ފެށެން ކުޑަތަންވެފައިވަނިކޮށް، އެވަގުތު ލިބެން ތިބި ކުޅުންތެރިންނާއެކުއެވެ. އެހެންކަމުން މިދިޔަ ޓްރާންސްފަރ ވިންޑޯގައި ނިއުއިން ވަނީ މުހިންމު ބައެއް ކުޅުންތެރިން ޓީމަށް ގެނެސްފައެވެ. އެގޮތުން ގޯލްޑް ކަޕުން ވިދާލި މުޙައްމަދު ފާސިރު (ފާއްޓޭ) އާއި ކީޕަރު މުޙައްމަދު ފައިސަލްގެ އިތުރުން ލައިބީރިއާގެ ޔާޔާ ބިލިޓީ ވަނީ ނިއުއާ ގުޅިފައެވެ.
މުބީން ވިދާޅުވި ގޮތުގައި ނިއުއިން އަންނަ ސީޒަނުގައި ނުކުންނާނީ ވަރުގަދަ ސްކޮޑަކާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ