އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ ފަހަތުން އެމްޑީޕީ ދޫކޮށް ދާނީ އޭނާގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ ޒުބައިރު) އެކަނިކަމަށް ދޭހަވާފަދަ މޭރުމަކުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅު ދައްކަވައިފިއެވެ.
މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް މުހައްމަދު ނަޝީދު ހޮވުމަށް ބޭއްވި ކެމްޕޭން ހަރަކާތެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ މީކާއީލްއަކީ ސިޔާސީ ގޮތުން "ކުޑަ ކުއްޖެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މީކާއީލް ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް، އޭނާގެ ފަހަތުން ޕާޓީ ދޫކޮށް ދާނެ އެއްވެސް މެންބަރަކު ނުހުންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މީކާއީލް ފަހަތުން ވަކިވާނީ ހަމައެކަނި ޕާޓީ އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅެއް އެކަނި ކަމަށެވެ. މީކާއީލްގެ މަންމަ މަންދީއަކީ އެމްޑީޕީގެ އޮފީހުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އެމްޑީޕީގެ އޮފީހުގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.
މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު އަނިޔާވެރިކޮށް ވައްޓާލުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތައް މިހާރު ތިބީ އެ ޓީމުގައި ކަމަށާއި، އެ ބޭފުޅުން މަސައްކަތް ކުރަމުންދަނީ ޕާޓީ ޖަހައިގަންނަން ކަމަށެވެ. "އަޅުގަނޑުމެންގެ ވެރިކަން ޖަހައިގަނެގެން މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަން. ކުޑަކުޑަ ކުއްޖެއް ބައިންދައިގެން އެކަން ކުރުމަށްޓަކައި މަސައްކަތްކުރަމުންދަނީ،" މާރިޔާ ވިދާޅުވިއެވެ.
މީކާއީލް ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައި، އޭނާ ހޮވިވަޑައިނުގެންފިނަމަ އެހެން ބޭފުޅެއްގެ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ އެއީ މީކާއީލަށް ކަންކަން އޮޅިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި އޭނާގެ ފަހަތުން ދާނެ މީހަކު ހޯދަން ޖެހޭ ކަމަށާއި، ޒުވާންކަމުގެ ރޫހުގައި މީކާއީލަށް މާ ބޮޑަށް އޮޅިފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މީކާއީލްގެ ހާލަތަކީ އޭނާގެ ފަހަތުން ޕާޓީ އޮފީހުގައި އުޅުއްވާ އޭނާގެ މަންމަ ނޫން އެހެން މީހަކު ދާނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، މާރިޔާ ވަނީ މީކާއީލްގެ ސިޔާސީ ބަރުދަނާ މެދުވެސް ސުވާލު އުފައްދަވާފައެވެ.
މީކާއީލް ފަހަތުން އެމްޑީޕީ ދޫކޮށް ދާނީ އޭނާގެ މަންމަ އެކަނި: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ