''އަދަދު''ގެ މައްސަލައިގައި އިނގިރޭސި ސަފީރު: 'ކޮމަންވެލްތުގެ މިންގަނޑުތަކަށް އަމަލުކުރާ މިންވަރާމެދު ސުވާލު އުފެދޭ'

އަދަދު ނޫހުގެ އޮފީސް ފުލުހުން ރޭ ބަލައި ފާސްކުރުމުން, އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް އަދަދު ނޫހުން މިދިޔަ މަހު އާންމުކުރި ޑޮކިއުމަންޓްރީގެ މައްސަލައިގައި ރޭ ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށްފައެވެ. އެ އޮފީހުގެ މަސައްކަތަށް ދަތިވާ ގޮތަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަދަދު ނޫހުގެ އޮފީސް ރެއިޑުކުރުމަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖޭން އަމަލުކުރާ މިންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދަދު ނޫހުގެ އޮފީސް ކުރިމަތީގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ އަހުމަދު އިޔާދު ނޫސްވެރިކަމުގެ މިނިވަން ކަމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުން މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި، މިނިވަން މުސްތަގިއްލު ނޫސްވެރިކަމަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. https://x.com/NickDLow/status/2049124444057333998 ފާހަގަކުރެވޭ ގޮތުގައި، މި މައްސަލައިގައި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ހިފަހައްޓައި، ދެ މީހުން ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފައެވެ. އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ. https://sun.mv/221246 އޭގެއިތުރަށް، މި މައްސަލައިގައި މީޑިއާ ކޮމިޝަނުން ރަސްމީކޮށް ބަހެއް ބުނެފައިނުވާތީ ފާޑުކިޔަނިކޮށް އެ ކޮމިޝަނުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައިވާ ނުވާ ކަމަށް ބުނެފައެވެ. އަދި، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި، ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ