އަދަދު ނޫހަށް ފުލުހުން ވަނުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބޮޑެތި ތުހުމަތުތައް ކޮށްފައިވާ އަަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ، އެ ނޫހުގެ ވެރިންނަށް ފިޔަވަޅު އެޅި މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މިދިޔަ މަހު އަދަދު ނޫހުން ވަނީ ނަން ހާމަ ނުކުރާ އަންހެނަކު، ރައީސް މުއިއްޒާ ގާތް ގުޅުމެއް ބޭއްވި ކަމަށް ބުނެ ދިން އިންޓަވިއުއެއް ހިމަނައި ޑޮކިއުމެންޓްރީއެއް ހަދައިފައެވެ. އެ ޑޮކިއުމެންޓްރީގައި ފެންނަ އަންހެން މީހާއަކީ ސަރުކާރުގެ ވަޒީފާތަކެއް އަދާކުރި މީހެއް ކަމަށް އިންޓަވިއުގައި ބުނެފައިވެއެވެ. އެ ޑޮކިއުމެންޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ތިން މަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓައި، އެ ދެ މީހުން ފުލުހަށް ހާޒިރު ވުމަށް ވެސް ވަނީ އަންގައިފައެވެ. https://sun.mv/221247 ހަމައެއާއެކު، އެ ޑޮކިއުމަންޓްރީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި އީޝާ އަޝްރަފްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. އަދަދު ނޫހަށް ފުލުހުން ވަނުމުން، ނޫސްވެރިން އިހުތިޖާޖުކުރުން -- ސަން ފޮޓޯ/ އަހުމަދު އިޔާދު ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރުމަށްފަހު އެ އޮފީހުން ބައެއް ތަކެތި ގެންގޮސްފައިވާތީ، މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. އެ މައްސަލައިގައި ދިވެހި ނޫސްވެރިންގެ ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނަށް ބިރު ނުދެއްކުމަށް ގޮވާލިއެވެ. އިދިކޮޅު އެމްޑީޕީން ވެސް އެފަދައިން ގޮވާލައިފައިވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. https://sun.mv/221250 މީގެ އިތުރުން، އަދަދު ނޫހުގެ މައްސަލަ ދުނިޔޭގެ އެންމެ ބޮޑެތި ބައެއް ނޫސްތަކުން ވެސް މިހާރު ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާއާއި ބީބީސީ ވެސް ހިމެނެއެވެ. އަލްޖަޒީރާގައި ވަނީ އަދަދުގެ އޮފީސް ބަލައިފާސްކުރުމަށް ނެރުނު އަމުރުގައި، އެ ނޫހާއި އެ ނޫހުގެ މުވައްޒަފުން ގަޒުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެއީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއްކޮށް 80 އެތިފަހަރުން ހައްދު ޖެހެން އޮންނަ ކުށެއްކަން ފާހަގަކޮށްފައިވެއެވެ. އެ ނޫހުގައިވަނީ، އެ މައްސަލައިގައި އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ބަހެއް ހޯދަން މަސައްކަތް ކުރިކަން ފާހަގަކޮށްފައެވެ. އަދި ފްލައިޓަކަށް އަރައިވަޑައިގަންނަވާތީ، ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވި ކަމަށް އެ ނޫހުގައިވެއެވެ. ރޭ "ސަން"އާ ވާހަކަ ދައްކަވަމުން މުންދު ވަނީ ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅޭ ގޮތުން ސަރުކާރަށް އެއްޗެއް ނުބުނެވޭނެ ކަމަށާއި ނުވެސް ބުނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަަދަދުގެ މައްސަލައެއް ރައީސް ހުށަހެޅުއްވިތޯ ސުވާލު އަމާޒުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ، އެފަދަ މައްސަލައެއް އެ މަނިކުފާނު ހުށަހަޅުއްވައިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ވަނީ، އަދަދު ނޫހުގެ އޮފީހުން ނަގައިފައިވާ ތަކެތި ރައްދު ކުރުމަށާއި، ވެރިން ފުރުން މަނާކުރަން ނެރުނު އަމުރުތައް ބާތިލުކުރުމަށް ގޮވާލައިފައެވެ. އަދި އަމުރުތައް ނެރެފައިވަނީ، ދީނީ އަދި ގައުމީ މަސްލަހަތުތަކުގެ ނަމުގައި ތަހުގީގީ ނޫސްވެރިކަން ކުށްވެރިކަން ކުރުމަށް ކަމަށް ސީޕީޖޭއިން ތުހުމަތުކޮށްފައިވެއެވެ. https://sun.mv/221219 ބޭރުގެ ބައެއް ނޫސްތަކުގައި ވަނީ، ދިވެހި ސަރުކާރުގެ އިސް ވެރިން ފުލުހުންގެ ފިޔަވަޅުތައް ދިފާއުކުރިކަން ވެސް ފާހަގަކޮށްފައެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، އަދަދުން ކުރި ދޮގު ތުހުމަތުތަކާ ގުޅިގެން އެ އޮފީސް ބަލައިފާސްކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެފައި ކަމަށް ނޫސްތަކުގައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ އެހެން ވެރިން ވެސް، ފުލުހުންގެ ފިޔަވަޅުތައް ދިފާއުކޮށް ވާހަކަދައްކަވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ