ފުލުހުންގެ ތަހުގީގަށް ގޮތް ކިޔުމުގެ ގާނޫނީ ބާރެއް ނެތް: މީޑިއާ ކޮމިޝަން

ފުލުހުންގެ ތަހުގީގަށް މައުލޫމާތު ހޯދާ ގޮތް ކަނޑައެޅުމުގެ އިހުތިޔާރެއް ގާނޫނުން ނުލިބޭކަމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ."އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.އެ ކަމާމެދު މީޑިއާ ކޮމިޝަނުން ރަސްމީކޮށް އެއްޗެއް ނުބުނާތީ ފާޑުކިޔުން އިތުރުވަމުންދަނިކޮށް، އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަކީ ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާ އިދާރާއެއް ކަމަށެވެ.ނަމަވެސް، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި، ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެކަން ކޮމިޝަނުން ފާހަގަކުރިއެވެ.އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އޮތް މީޑިއާ ކޮމިޝަނަކީ ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މީގެ ކުރިން އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު، މި ސަރުކާރުގައި އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަން ވުޖޫދުކޮށްފައިވަނީ، ނޫސްވެރިންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި ގާނޫނެއް ފާސްކޮށްގެންނެވެ.އަދަދު" ނޫހުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފަ އެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ މީހަކު ދިން އިންޓަވިއުއަކަށް ބިނާކޮށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައި ވެއެވެ. މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ