އެމެރިކާގައި ވެސް ތަކުލީފަކަށްވާ ވަރަށް ތެލުގެ އަގު މައްޗަށް
މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެމެރިކާގައި ހަތަރު ލީޓަރު ޑީސަލްގެ އަގު ފަސް ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެއެވެ. މިއަދު އެމެރިކާގެ މާކެޓުގައި ޑީސަލް ގެލަންއެއްގެ ނުވަތަ ގާތްގަނޑަކަށް ހަތަރު ލީޓަރުގެ އެވްރެޖް އަގު ހުރީ 5.04 ޑޮލަރުގައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމުގެ ކުރިން ހުރި އަގާ އަޅާބަލާއިރު 34 އިންސައްތައިގެ ބޮޑުވުމެކެވެ. އަދި، މިއީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ރަޝިއާއިން ޔޫކްރެއިނަށް އެރި ފަހުން ޑީސަލްގެ އަގު މިހާ ބޮޑަށް އެ ގައުމުގައި އުފުލުނު ފުރަތަމަ ފަހަރެވެ. މިއާއެކު ތާރީޚުގައި ވެސް ތެލުގެ ސަޕްލައިއަށް އެންމެ ބޮޑަށް ބުރޫއެރި ފަހަރަށް މި ހާދިސާ ވަނީ ވެފައެވެ. ޑީސަލްގެ އަގު އުފުލުމުގެ އިތުރުން، އެމެރިކާގައި ވެސް ޕެޓްރޯލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ހަނގުރާމަ ފެށުނު ފަހުން ޕެޓްރޯލްގެ އަގު ވަނީ 27 އިންސައްތަ އުފުލި، ގެލަންއެއްގެ އެވްރެޖް އަގު 3.79 ޑޮލަރަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ޕެޓްރޯލްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ތަނުގައި މި އަގު ހަތަރު ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ޑީސަލަކީ އެމެރިކާގެ އިޤުތިޞާދުގެ މައިބަދަ ކަމަށްވާ ދަތުރުފަތުރުގެ ދާއިރާއަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. މުދާ އުފުލާ ބޮޑެތި ޓްރަކްތަކާއި، ރޭލު އަދި ބާޖުތައް ދުއްވަނީ ޑީސަލުން ކަމަށްވާއިރު، ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ލޮޖިސްޓިކްސް ކުންފުނިތަކުން ދަނީ ފިއުލް ސާޗާޖު ބޮޑުކުރަމުންނެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ 40 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައެވެ. އަންގާރަ ދުވަހު އެމެރިކާގެ ކްރޫޑް އޮއިލް (ޑަބްލިއުޓީއައި) ފީފާއެއްގެ އަގު 94 ޑޮލަރާއި 96 ޑޮލަރާ ދެމެދުގައި ހުރިއިރު، ބައިނަލްއަޤުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 101 ޑޮލަރާއި 103 ޑޮލަރާ ދެމެދުގައެވެ. ތެލުގެ އަގުތައް މިހާ ހަލުވިކަމާ އެކު އުފުލޭ މައިގަނޑު ސަބަބަކީ އީރާނުން ހޮރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ކޮމާޝަލް ބޯޓުފަހަރަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީ، އެ މަގުން ކުރާ ދަތުރުތައް ގާތްގަނޑަކަށް އެއްކޮށް ހުއްޓުވާފައިވުމެވެ. އެ ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ނުވަތަ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ދަތުރުކުރީ މި ހަނި ކަނޑުއޮޅިންނެވެ. މި ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ގަލްފުގެ ޤައުމުތަކަށް ވަނީ ތެޔޮ އެކްސްޕޯޓުކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އިދާރާ (އައިއީއޭ)އިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ސަބަބުން ގަލްފުގެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރުން ދުވާލަކު 10 މިލިއަން ފީފާ ވަނީ މަދުކުރަން ޖެހިފައެވެ. ބަދަލުގައި ބޭނުންކުރާނެ އެހެން މަގުތައް މަދުވުމުގެ ސަބަބުން، ތެޔޮ އުފައްދާ ޤައުމުތަކުގެ ސްޓޯރޭޖްތައް ފުރި، އުފެއްދުންތެރިކަން ދަށްކުރަން ވަނީ މަޖުބޫރުވެފައެވެ. ތެލުގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ދަނީ މި ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ލިޕޯ އޮއިލް އެސޯސިއޭޓްސްގެ ރައީސް އެންޑީ ލިޕޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޑީސަލްގެ އަގު އުފުލުމާ މެދު އާންމުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބުން ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމު މުދަލުގެ އަގުތައް އުފުލި، އިންފްލޭޝަން މައްޗަށް ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ގޭސްބަޑީގެ ޕެޓްރޯލިއަމް އެނަލިސިސްގެ އިސްވެރިޔާ ޕެޓްރިކް ޑި ހާން ވިދާޅުވީ، ހޮރުމޫޒު ކަނޑުއޮޅިން އަލުން ތެޔޮ ސަޕްލައިކުރަން ފެށެންދެން ތެލުގެ އަގުތައް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި އެމެރިކާއާއި އެހެނިހެން ޤައުމުތަކުން ރިޒާވްގައި ހުރި ތެޔޮ ބާޒާރަށް ނެރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ