އީރާނުގެ ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެ، އެމެރިކާގެ ކައުންޓަޓެރަރިޒަމްގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލަކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ ވިދާޅުވީ ތެހެރާނުން އެމެރިކާއަށް ކުރިމަތިވަމުންދާ ކުއްލި ނުރައްކަލެއް ނެތް ކަމަށާއި މި ހަނގުރާމަ ކުރަންޖެހޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޖޯ ކެންޓަކީ، މިހާރު ތިންވަނަ ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ އިސް ބޭފުޅާ އެވެ.
"އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ތާއީދުކުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫނެވެ. އީރާނުން އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވަމުންދާ ކުއްލި ނުރައްކަލެއް ނެތެވެ،" ކެންޓްގެ އިސްތިއުފާގެ ސިޓީގައިވެ އެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ މި ހަނގުރާމަ ފެށުނީ އިޒްރޭލާއި އެ ގައުމުގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ.
އޭނާގެ ވަކިވުމުން ހާމަވެގެންދަނީ، ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ތެރޭގައި އުފެދެމުންދާ ނުތަނަވަސްކަމެވެ. މީގެ ކުރިން އިންޓެލިޖެންސް ރިޕޯޓްތަކުން ވަނީ އީރާނުން ދީފާނެ ރައްދު ހަމަލާތަކާއި ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އަސްކަރީ ފިޔަވަޅު އެޅި ސަބަބާ މެދު ސުވާލު އުފައްދަވާ ފައެވެ.
"ކުއްލި ނުރައްކަލެއް އޮތް ކަމުގެ އެއްވެސް އިތުބާރު ހުރި ހެއްކެއް ނެތް. އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް އަވަސްއަރުވާލައިގެން ވައްދަން ޖެހޭ ފަދަ ސަބަބެއް ނެތް،" ސެނެޓަރު މާކް ވާނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ